ފްރާންސްގެ ވެރިކަންކުރާ ރަށްކަމަށްވާ ޕެރިސްއަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން އެތަނަކަށް ދިޔުމަށް ހިތްއެދޭ، ރީތި ތަނެކެވެ. ޕެރިސްގައި ހުންނަ އައިފުލް ޓަވަރ، ނޯޓްރެ ޑާމް ފަދަ ފަތުރުވެރިންގެ މަންޒިލްތަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އަތުލައިގަނެފައިވާ ތަންތަނެވެ.
އަބަދުވެސް ޕެރިހަށް ދާން ބޭނުންވެފައި ހުރި މީހަކަށް ނަމަ އެތަނުގައި ކުރަން ހުންނަ އާދަޔާ ޚިލާފު، ޝައުގުން ފުރިފައިވާ ކަންކަމުގެ މައުލޫމާތު އެނގޭނެއެވެ. އަދި އެފަދަ ކަންކަމާއި ބެހޭ މައުލޫމާތު ނޭނގޭ މީހެއް ނަމަ މި ލިޔުން ރަނގަޅަށް ކިޔާލުން ބުއްދިވެރިއެވެ. އަންނަނިވި ކަންކަމަކީ ޕެރިހަށް ގޮސް ކުރެވިދާނެ އާދަޔާ ޚިލާފު ކަންކަމާއި ޕެރިހަށް ދާންވީ ސަބަބުތަކެވެ.
ބޯލްރޫމް ޑާންސިންގ
ގިނަ މީހުންނަކީ އިހު ޒަމާނުގައި ގައުމުތަކުގެ ޘަގާފަތުގައި ހުރި ކަންކަން ކުރަން ބޭނުންވާނެ މީހުންނެވެ. މިގޮތުން އިނގިރޭސި ގިނަ ގައުމުތަކާއި ފްރާންސްގެ އެކި ސިޓީތަކުގައި ޝާހީ މީހުން ބައިވެރިވެ އުޅުނު ރަސްމިއްޔާތުތަކުގެ ތެރޭގައި ބޯލްރޫމް ޑާންސިންގ ހިމެނެއެވެ. މިއީ އެމީހުންގެ އިހުގައި ލައި އުޅުނު ޖުއްބާ ދިގު ހެދުންތައް ލައިގެން ގޮސް ނަޝަން އުޅުނު ރަސްމިއްޔާތަކަށް ކިޔާ ނަމެކެވެ.
ޕެރިސްގެ ޖާޑިން ޓިނޯ ރޯސީ ކުރިމަތީގައި ހުންނަ ވޯޓަރ ފްރޮންޓްގައި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަސް ނިމެންދެން ކޮންމެ ދުވަހެއްގެވެސް ހަވީރުގައި ޖާޑިން ޓިނޯ ރޯސީގައި ނެޝުންތެރިން އެމީހުންގެ ސާލްސާ، ޓޭންގޯ، ވޮލްޓްޒް އަދި ސްވިންގް ފަދަ މަޝްހޫރު ނެށުމުގެ ހުނަރުތައް ދައްކާލައެވެ. އަދި މި ފުރުސަތު ޢާންމުންނަށްވެސް ހުޅުވާލެވިފައި އޮވެއެވެ.
އާދަޔާ ޚިލާފު ދާރުލްއާސާރުތައް (މިއުޒީއަމް)
ޕެރިހަކީ އެތަނުގައި ގިނަ އަދަދެއްގެ މިއުޒީއަމްތައް ހުންނަ ސިޓީއެކެވެ. އިހު ޒަމާނުގެ އާސާރީ އަދި ގަދީމީ ބައެއް އާލާތްތަކުގެ އިތުރުން 19 ވަނަ ގަރުނުގައި ދުނިޔޭގައި އުޅުނު ތަފާތު ޖަނަވާރުންގެ ކަށިތައް ފަދަ އާދަޔާ ޚިލާފު ތަކެތި މި މިއުޒިއަމްތަކުން ފެނިގެންދާނެއެވެ. އަދި ޖާޑިން ޑެސް ޕްލާންޓެސް ނަމަކަށް ކިޔޭ މިއުޒިއަމް އެއްގައި އިހު ޒަމާނުގެ ގަދީމީ ބައެއް ގަސްގަހާ ގެހީގެ ވައްތަރުތަކާއި، "ބޮޓޭނިކަލް" ބަގީޗާފަދަ ތަކެތި ޢާންމުންނަށް ދައްކާލައިފައި ހުންނަކަން ފާހަގަކުރެވެއެވެ.
ރޯމަނުންގެ ތާރީޚް ހޯދައި ބެލުން
ފްރާންސްގެ މި ރީތި ކެޕިޓަލްގައި އަރަތެއް ފަދައިން ގަދީމީ ރޯމަނުންގެ ތާރީޚީ ނިޝާންތައް ހުރެއެވެ. މިގޮތުން އެމީހުންގެ ބައެއް އިމާރާތްތަކާއި، ތަނބުތަކާއި ފަރުމާތައް ލޮލަށް ފެންނަން ހުރެއެވެ. ގާތުން ބަލައި ދިރާސާ ކުރި މީހަކަށް މިކަމުގެ ފަހަތުގައިވާ ގަދީމީ ވާހަކަތައް ނުހަނު ފަސޭހަކަމާއެކު ފެނިގެންދާނެއެވެ. ރޯމަނުންގެ ޒަމާނުގައި އެންމެ އާދަޔާ ޚިލާފު އެއްކަމަކީ އެމީހުން ފެންވެރުމަށް ބޭނުންކުރި ބިލިގާސްތަކެވެ (ބާތް ޓަބް). އެތަކެތި ފަރުމާކޮށްފައި ހުރި ގޮތަކީ މިއަދުގެ ދުނިޔޭގެ މަޝްހޫރު އާކިޓެކްޗަރުންވެސް ހައިރާންކޮށްލަނިވި ފަރުމާކުރުން ތަކެކެވެ. އަދި ހަމައެހެންމެ ނޯޓްރެޑާމް ކައިރީގައި ހުންނަ ރޯމަނުންގެ ގަބުރުސްތާނުގެ ފަރުމާކުރުމަކީވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ތަނެކެވެ.
ސްޓްރީޓް އާޓްސް
މަގުމަތީގެ ފާރުތަކުގައި އާއި ބިތްތަކުގައި ކުރަހައިފައި ހުރުމަކީވެސް ޕެރިސްގެ އެކި ހިސާބުތަކުން ފާހަގަވެގެންދާނެ ކަމެކެވެ. މިގޮތުން ގްރެފީޓީތައް ބަލާލުމަށް ކާނަލް ސޓ މާޓިން ކައިރިން ދަތުރުކޮށްލާށެވެ. އެތަނުގައި ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި އާޓް ފިހާރަތަކުގެ އިތުރުން ގްރެފީޓީ ކުރަހައިފައި ހުންނަ ރީތި، އާދަޔާ ޚިލާފު މަންޒަރުތައް ފެނިގެންދާނެއެވެ.
މީގެ އިތުރުން ޕެރިސްގެ ގަދީމީ ތާރީޚްތަކާއި ޘަގާފަތް ޒަމްޒުކޮށްދޭ ގިނަ އަދަދެއްގެ އިވެންޓްތަކާއި މަޝްރޫއުތައް އެތަނުގައި ގަވާއިދުން ކުރިއަށް ގެންދާނެއެވެ.