ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ދޫކުރާ ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހުރީ ޕާޓީ އަދި އެމްޑީއޭ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ، 26 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ހަތަރު ޕާޓީއަށް ދޫކުރުމަށް ފިނޭންސްއަށް ފޮނުވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޫކުރާ ފައިސާ ތަކުގެ ތެރެއިން، އެންމެ ގިނަ ފައިސާ ދޫކުރަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް 12.8 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައެވެ. ޕީޕީއެމަށް 9.3 މިލިއަން ރުފިޔާ ލިބޭއިރު، ޖޭޕީ އަދި އެމްޑީއޭ އަށް ލިބެނީ 2.03 މިލިއަން ރުފިޔާއެވެ.
ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް ނިންމާފައެވެ. ސަބަބަކީ ޕީޕީއެމުން އަހަރީ ރިޕޯޓް ހުށަހެެޅި އިރު އޭގައި ބައެއް މައްސަލަތައް ހުރީމައެވެ. އޭރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޕީޕީއެމުން އަހަރީ ރިޕޯޓްގައި ހުރި މައްސަލަތައް އިސްލާހުކޮށްފައި ހުށަހަޅާހާ އަވަހަކަށް ޕީޕީއެމަށްވެސް ފައިސާ ދޫކުރާނެ ކަމަށެވެ.