ޚަބަރު
“ޕްލާސްޓިކާ ނުލާ” ދެވަނަ އަހަރުގެ އިވެންޓު ކާމިޔާބުކަމާއެކު ނިންމާލައިފި

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމަށް ހިތްވަރުދީ، އަހުލުވެރިކުރުވުމަށް މުނި ފައުންޑޭޝަނާއި ފުށިފަރު މޯލްޑިވްސް ގުޅިގެން ބޭއްވި “ޕްލާސްޓިކާ ނުލާ” އިވެންޓުގެ ދެވަނަ އަހަރުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންވެސް ބައިވެރިވި މި އިވެންޓުގައި އިއްޔެ ހެނދުނު ވަނީ ސާފު ކުރުމުގެ ޕްރޮގްރާމެއް ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށް ގެންގޮސްފަ އެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ފެން ހުސްކުރި ފުޅިއާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާފައިވާ ތަފާތު ގިނަ ވައްތަރުގެ ޕްލާސްޓިކުގެ ބާވަތްތައް ވަނީ ކުނީގެ ގޮތުގައި އެއްކޮށްފަ އެވެ. އެގޮތުން މަދު ވަގުތުކޮޅެއްގެ ތެރޭގައި 14 ގޯނި ފެން ހުސްކުރި ޕްލާސްޓިކު ފުޅި ވަނީ އެ ސަރަހައްދުން އެއްކޮށްފަ އެވެ.

ހެނދުނު ދަންފަޅީގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތަށްފަހު ހަވީރު ވަނީ މި އިވެންޓުގެ ރަސްމީ ޖަލްސާ ކުރިއަށްގެންގޮސްފަ އެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި ވަނީ މި އަހަރަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ޕްލާސްޓިކާ ނުލާ” ރަސްމީ ވީޑިއޯ ޕްރެޒެންޓޭޝަނާއި، މި ހަރަކާތަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފޮތި ކޮތަޅާއި ޖޫސް ހޮޅި އަދި ފެންބުއިމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފުޅި ދައްކާލާފަ އެވެ.

މީގެ އިތުރުން މި އިވެންޓުގައި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޚާލިދު އަލް-ހަމަދީ އާއި ފުށިފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ސިއާރު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ހަމަ އެއާއެކު އެޓޮލް މެރިން ކޮންޒަވޭޝަންގެ ފަރާތުން ވަނީ އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން މޫދުގައި ދިރިއުޅޭ މަސްމަހާއި ގޮނޑުދޮށްތަކަށް ލިބިފައިވާ ބައެއް ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައި މިކަންކަމުން ދުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދީފަ އެވެ. މޫދުގައި އުޅޭ ވެލާ ކަހަނބަށް ޕްލާސްޓިކުގެ ސަބަބުން ދިމާވަމުންދާ ގެއްލުންތަކާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެެއް ގެނެސްދީފައި ވަނީ އެޓޮލް މެރިން ކޮންޒަވޭޝަންގެ މެރިން ބައޮލޮޖިސްޓް ލޮރެއިން އެލްޑްރިޖެވެ.

ފުށިފަރު ރިސޯޓުން މައުލޫމާތު ދޭ ގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުން އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކާއި ފަރުތަކަށް އަދި އެ ތަންތަނުގައި ދިރިއުޅޭ މަސްމަހާ މެއްސަށް ވަނީ ޕްލާސްޓިކުގެ ސަބަބުން ނުރައްކަލާއި ކުރިމަތިލާންޖެހިފަ އެވެ.

ފުށިފަރު ރިސޯޓުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި އިވެންޓަކީ ދުނިޔޭގައި ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވުމުން ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި އިދާރާތަކުން އެއް ފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ގޮވާލައި ހިތްވަރު ދިނުމެވެ. އަދި ސަސްޓެއިނަބަލް ދިރިއުޅުމެއް ބިނާކުރެވޭނެ ގޮތްތައް އަންގައިދީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އަހުލުވެރިކުރުވުމަކީ ވެސް މި އިވެންޓުގެ މަގުސަދެކެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top