ކިވީއަކީ ވަރަށް ފަހުން ދިވެހިންގެ ތެރޭގައި އޭގެ ތާޒާ މޭވާވެސް ލިބެން ހުންނަ، ދިވެހިންގެ މަޤްބޫލުކަން ހޯދައިފައިވާ މީރު މޭވާއެކެވެ. ކިވީއަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައްވެސް އެކުލެވިގެންވާ މޭވާއެކެވެ. ޑޮކްޓަރުންނާއި ކަމާއި ބެހޭ މާހިރުން އަންނަނީ ކިވީގެ މައްޗަށް ގިނަ ދިރާސާތަކެއްކޮށް، އޭގެއިން ލިއްބައިދޭ ސިއްހީފައިދާތަކާއި އެ މޭވާ ކާންވީ ގިނަ ސަބަބުތައް ހޯދަމުންނެވެ. މިގޮތުން ޑޮކްޓަރުން ބުނާގޮތުގައި ދުވާލެއްގެ މަތިން 2 ނުވަތަ 3 ކިވީ ކެއުމުން އަންނަނިވި ބަދަލުތައް ހަށިގަނޑުން ފެނިގެންދާނެއެވެ.

ކިވީއިން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ

ޖުމްލަކޮށް ސިއްހަތު ރަނގަޅުކޮށްދިނުން

އޮކްސިޑޭޓިވް ސްޓްރެސް އަކީ ހަށިގަނޑުގައި އެކުލެވޭ ފްރީ ރެޑިކަލް ނަމަކަށް ކިޔޭ ނުރައްކާތެރި މާއްދާއެއްގެ ސަބަބުން އުފެދޭ ސިއްހީ މައްސަލައެކެވެ. އަދި ޑީއެންއޭއަށް ގެއްލުންތައް ފޯރުވައެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދަނީ މާ އަވަހަށް މީހާ މުސްކުޅިވުމާއި މި ނޫންވެސް އެތައް ސިއްހީ މައްސަލަތަކެއް ތަޖުރިބާކުރަން ޖެހުމެވެ. ކިވީގައި އެކުލެވޭ އެންޓިއޮކްްސިޑެންޓްތަކަކީ ވަރުގަދަ ފަހުލަވާނުންތަކެކޭ ބުނެވިދާނެއެވެ. އެއީ ހަށިގަނޑުގައިވާ މި ބުނާ ފްރީ ރެޑިކަލްތަކާއި ހަނގުރާމަކޮށް އެ ތަކެތި ނައްތާލަން އެންޓިއޮކްސިޑެންޓްތަކުގެ ދައުރު ވަރަށް ފުޅަލީމައެވެ. ގަވާއިދުން ކިވީ ކާ މީހަކަށް ނަމަ ޑީއެންއޭ އަށް ގެއްލުންތައް ލިބުމުގެ ފުރުސަތު ހަނިވެގެން ދާނެކަމަށް ޑޮކްޓަރުންނާއި ކަމާއި ބެހޭ މާހިރުން ލަފާ ދެއްވައެވެ. ހަމައެހެންމެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން މީހާ ދުރުކޮށް ދިނުމަށްވެސް ކިވީ އެހީވެދެއެވެ.

ހާޓް-އެޓޭކް ޖެހުމުން ދުރުކޮށްދިނުން

ޑޮކްޓަރުން އެމީހުންގެ ޕޭޝަންޓުންނަށް ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުން ދުރުވުމަށްޓަކައި ދުވާލަކު ކުޑަ 'އެސްޕިރިން' ބޭސްގުޅައެއް ކެއުމަށް ލަފާދިނުމަކީ ޢާންމު ކަމެކެވެ. އޭގެ ފަހަތުގައިވާ ސަބަބަކީ އެސްޕިރިންގެ ސަބަބަބުން ލޭނާރުތައް ފިތި، ލޭ ގަނޑުވުމުން ދުރުކޮށް ދިނުމުގެ އިތުރުން ނާރުތަކުގެ ނިޒާމު ރަނގަޅަށް ދެމެހެއްޓުމުގައި އެހީވެދިނުމެވެ. ނަމަވެސް އެސްޕިރިންގެ ސަބަބުން ލޭ ފޭބުމުގެ މައްސަލަތައް ކުރިމަތިވާ މީހުންވެސް އުޅެއެވެ.

މިއާއި ޚިލާފަށް ކިވީ ކެއުމުން މި ދެންނެވި މައްސަލަތައް ހައްލުވުމުގެ އިތުރުން އޭގެ ނޭދެވޭ ނަތީޖާއެއް ނުކުތުމުގެ ފުރުސަތުވެސް ހަނިކޮށްދެއެވެ. އޮސްލޯގެ ޔުނިވާސިޓީއަކުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 2 ނުވަތަ 3 ކިވީ ކެއުމުން ދުވާލަކު އެސްޕިރިން ބޭސްގުޅައެއް ކެއުމުން އަންނަ ބަދަލުތައް ހަށިގަނޑަށް އައުމުގެ އިތުރުން ލޭ ފޭބުމުގެ ނުރައްކަލުންވެސް ދުރުކޮށްދެއެވެ.

ހަޖަމްކުރަން ފަސޭހަވެގެން ދިޔުން

ކިވީއަކީ އެހެނިހެން މޭވާތަކެކޭ އެއްފަދައިން ފައިބަރގެ މާއްދާވެސް މަތީ މިންވަރަކަށް އެކުލެވޭ ކާނާއެކެވެ. ފައިބަރއަކީ ގޮހޮރުގައި ދިމާވާ ކޮންސްޓިޕޭޝަންފަދަ އުނދަގޫތަކުން ދުރުކޮށްދިނުމުގެ އިތުރުން ފަސޭހަކަމާއެކު ހަޖަމްކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ. ކިވީގައި ފައިބަރގެ އިތުރުން އެކުލެވިގެންވާ އެހެން މާއްދާއަކަށް ކިޔާ ނަމަކީ، އެކްޓިނިޑިން އެވެ. އެކްޓިނިޑިން އަކީ ޕްރޮޓިއޮލިޓިކް އެންޒައިމްއެކެވެ. މި އެންޒައިމްއަކީ ބަނޑުގައިވާ ކާނާތަކުގެ ޕްރޮޓީންގެ މާއްދާތައް ވަކިކޮށްދީ، ފުރިހަމަގޮތެއްގައި ހަޖަމްކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ހަޖަމްކުރުމުގެ ނިޒާމަށް ދަތިތައް ކުރިމަތިވެފައިވާ މީހުން ގަވާއިދުން ކިވީ ކެއުމަކީ މުހިންމުކަމެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުން

ކިވީއަކީ އޭގައި މަތީ މިންވަރަކަށް އެންޓިއޮކްސިޑެންޓާއި ވިޓަމިން ސީގެ މާއްދާ އެކުލެވިގެންވާ މޭވާއެކެވެ. ކޮށާފައިވާ ކިވީގެ އެންމެ ޖޯޑެއްގެ މިންވަރަކުންވެސް ދުވާލެއްގެ މަތިން އަހަރެމެން ކެއުމަށް ބާރުއަޅާފައިވާ ވިޓަމިންސީގެ މާއްދާ އެކުލެވިގެންވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ސީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދައަކަށް ވުމާއެކު ހުންއައިސް ރޯގާ ޖެހުން ފަދަ ޢާންމު ބަލިތަކުންވެސް ހަށިގަނޑު ދިފާއުކޮށްދޭ މާއްދާއެކެވެ. ޅަ ކުދިންނާއި މުސްކުޅިންގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކިވީގެ ސަބަބުން ގިނަ އަދަދެއްގެ ފައިދާތައް ލިއްބައިދޭ ކަމަށްވެއެވެ.

މި ނޫންވެސް އެތަކެއް ފައިދާތަކެއް ކިވީއިން ލިއްބައިދެއެވެ. ޑޮކްޓަރުންވަނީ ދުވާލަކު 2 ނުވަތަ 3 ކިވީގެ މިންވަރު ކެއުމަށް ލަފާދީ، އިލްތިމާސްކޮށްފައެވެ. ކިވީ ކެއުމުގެ ސަބަބުން ލޭ މައްޗަށް ދިޔުމުން ދުރުކޮށްދިނުމާއި، ހަކުރުބަލިޖެހުމުގެ ފުރުސަތު ހަނިކޮށްދިނުމާއި، ސްޓްރޯކް ޖެހުމުން ދުރުކޮށްދިނުން ފަދަ ސިއްހީ މައްސަލަތައް ހައްލުކޮށްދެއެވެ. އަދި ހަމައެހެންމެ ލޮލުގެ ފެނުން ފުސްވުމުން ދުރުކޮށްދީ، ފެނުން ސާފުކޮށްދިނުމަށްވެސް ކިވީގައި ހުންނަ މާއްދާތައް އެހީވެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *