ބޮލީވުޑްގެ ކުޅަދާނަ ބަތަލް ޝާހިދު ކަޕޫރް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ކަބީރު ސިންގް"ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
އެ ފިލްމުން ފުރަތަމަ ބެލުންތެރިންނަށް ދޫކޮށްލި ލަވައިގެ ނަމަކީ "ބޭޙަޔާލީ"އެވެ.
"ބޭޙަޔާލީ" އިން ޝާހިދާ އެކު ބަތަލާ ކިއާރާ އަދުވާނީ ވެސް ފެނިގެން ދެއެވެ. މި ލަވަ ކިޔާފައި ވަނީ ސަޗެޓް ޓަންޑަން އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ސަޗެޓާއި ޕަރަމްޕަރާއެވެ.
"ކަބީރު ސިންގް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ 21 ވަނަ ދުވަހެވެ.
އެ ފިލްމު ވެގެންދަނީ ކިއާރާ އަދި ޝާހިދު އެކީ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމަށްވެސް މެއެވެ.
"ކަބީރު ސިންގް" އަކީ 2017 ގައި ނެރުނު ތެލެގޫ ފިލްމު "އަރުޖުން ރެޑީ"ގެ ހިންދީ ރިމެކެވެ. ދެ ފިލްމު ވެސް ޑައިރެކްޓްކޮށްފައި ވަނީ ސަންދީޕް ރެޑީ ވަންގާއެވެ.
"ކަބީރު ސިންގް"ގައި ކިޔައިދެނީ، ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތަށް ދެވިހިފައި އަމިއްލަ ނަފްސު ހަލާކުކޮށްލާ މެޑިކަލް ސްޓޫޑެންޓެއްގެ ވާހަކައެވެ.