ޕްރިޔަންކާ ޗޯޕްޅާއާ އެކު ދެން މަސައްކަތް ކުރެވޭނީ ޝަރުތެއްގެ މަތިން ކަމަށް ބުނެ ސަލްމާން ހާން އަނެއްކާވެސް ހިތްހަމަނުޖެހުން ފައުޅުކޮށްފިއެވެ.
އެ ގޮތުން ސަލްމާން ބުނެފައިވަނީ ޕްރިޔަންކާ ބަތަލާގެ ރޯލް ކުޅޭ ފިލްމަކުން ފުރުސަތު ލިބިއްޖެނަމަ، އޭނާ އެ ފުރުސަތު ގަބޫލުކުރާނީ އެ ފިލްމަކުން އޭނާއަށް ވަރަށް ވަރުގަދަ ކެރެކްޓަރ އެއް ދިނުމުން ކަމަށެވެ. އަދި އެނޫން ގޮތަކަށް ޕްރިޔަންކާ އާއިއެކު މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ސަލްމާން ވަނީ ބުނެފައެވެ.
ސަލްމާން އާއި ޕްރިޔަންކާ އާއި ދެމެދު މައްސަލަ ޖެހެން މެދުވެރިވީ ސަލްމާން އެންމެ ފަހުން ކުޅުނު ފިލްމް ކަަމަށްވާ "ބާރަތް" އިން ޕްރިޔަންކާއަށް ފުރުސަތު ހޯދުމަށްފަހު އޭނާ އެ ފުރުސަތު ދޫކޮށްލުމުންނެވެ.
ޕްރިޔަންކާ އެ ފިލްމް ދޫކޮށްލުމުން ދެން އެ ފުރުސަތު ދީފައިވަނީ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ކެތްރީނާ ކެއިފްއަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ޕްރިޔަންކާ ފިލްމް "ބާރަތް" ދޫކޮށްލި ހިސާބުން ފެށިގެން ސަލްމާން އަންނަނީ އެކި ގޮތްގޮތުން އޭނާގެ ހިތުގައި ޕްރިޔަންކާއަށް އޮތް ހިތްހަމަނުޖެހުން ފައުޅު ކުރަމުންނެވެ.
އެހެންނަމަވެސް "ބާރަތު" ގެ ޑައިރެކްޓަރ އަދި ޕްރިޔަންކާއާ އެކު 2014 ގެ "ގުންޑޭ" ގެނެސްދިން އަލީ އައްބާސް ޒަފަރު ބުނި ގޮތުގައި ޕްރިޔަންކާ ފިލްމު ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ވެސް ހިތްބަރު ކަމެއް ނެތެވެ. އަދި އެއީ އަމިއްލަ ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.
ޕްރިޔަންކާ "ބާރަތް" ދޫކޮށްލީ އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސް އާ ކައިވެނި ކުރަން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށެވެ.