"ޓުގެދާ އެސް ވަން"ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި "މަމެން ޓުގެދާ އެސް ވަން ތްރީ އެކްސް ތްރީ" ބާސްކެޓް ބޯލް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
ރޭ 9:00 އަކުން ފެށިގެން 10:45 އާއި ހަމައަށް މުބާރާތުގެ ފައިނަލުގެ މެޗުތައް މާފަންނު ޔޫތު ސެންޓަރުގައި ކުޅެވިފައިވާއިރު، 13 އަހަރުން ދަށުގެ އަންހެން ޓީމުގެ ޗެމްޕިއަންކަން ގެންގޮސްފައިވަނީ، އާކްޓިކް ޑްރެގަންއެވެ. އަދި އެ އުމުރުފުރާގެ ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ގޭމް އެންޑާސްއެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ދަ ހީޓްއެވެ. އެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަނުންނަކީ ނަރޫޓޯއެވެ.
"މަމެން ޓުގެދާ އެސް ވަން ތްރީ އެކްސް ތްރީ" ބާސްކެޓް ބޯލް މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އަލްފާއެވެ. އަލްފާއިން އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޓީމް އޯލް ސްޓަރ ބަލިކުރުމަށް ފަހުގައެވެ.
ތޭވީސް އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަނުންނަކީ ބްރަދަހޫޑް ސްޕޯރޓްސް ކުލަބެވެ. ބްރަދަރހުޑުން އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބީޓީސީ ބަލިކުރުމަށް ފަހުއެވެ.
ރޭގެ އެންމެ ފޯރިގަދަ ފައިނަލަށްވީ ސީނިއާ މެންސްގެ ފައިނަލެވެ. މުބާރާތުގެ ސީނިއާ މެންސްގެ ޗެމްޕިއަންކަން ފޯރިގަދަ ކުޅުމަކަށް ފަހު ދަ ބައުސް ބަލިކޮށް ހޯދީ އެޗްޓޫއޭ އިންނެވެ.
މުބާރާތުގެ ތެރެއިން ކުރިއަށް ދިޔަ ސީ ގިއަރ ޓީމް ސޫޓްއައުޓް ޗެލެންޖުން މޮޅުވި ބައިވެރިން:
- 13 އަހަރުން ދަށް : އަންހެން - ރަމްޝާ އަދި މީޝާ
- 13 އަހަރުން ދަށް : ފިރިހެން - ލަން އަދި މީކާއިލް
- 15 އަހަރުން ދަށް : ފިރިހެން - ލައިލް އަދި ޒައިދާން
ސީ ގިއަރ ޓީމް ސޫޓްއައުޓް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި ކޮންމެ ޓީމެއްގެ ކޮންމެ ބައިވެރިއަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރ ސީ ގިއަރގެ ފަރާތުން ދީފައިވެއެވެ.
"ޓްގެދާ އެސް ވަން"ގެ ފައުންޑިންގ މެންބަރެއް ކަމަށްވާ ޤުރައިޝް އަފްރާހް "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއީ ޓްގެދަރ އެސް ވަން އިން ތްރީ އެކްސް ތްރީ ބާސްކެޓް ބޯލް މުބާރާތް ބާއްވާތާ ތިން ވަނަ އަހަރު ކަމަށާއި މިއަހަރުގެ މުބާރާތައް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
"މިއަހަރު މިވަނީ މިދިޔަ އަހަރުގެ ދެގުނައަށް ތަރުހީބު އިތުރުވެފައި. މިދިޔަ އަހަރު ގާތްގަނޑަކަށް 36 ޓީމް ބައިވެރިވެފައި މިވަނީ. މިއަަހަރު އެބައިން 67 ޓީމް މުޅި މުބާރާތުގައި ބައިވެރިވެފައި. ދެން ޑިވިޝަންތަކަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ޑިވިޝަންތައް ގިނަ" ޤުރައިޝް އަފްރާހް ވިދާޅުވިއެވެ.
މީގެ އިތުރުން ޤުރައިޝް އަފްރާހް ވިދާޅުވީ، މި މުބާރާތް މިހާ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދެވުނީ ސްޕޮންސަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައި، ކަމަށާއި އެހެން ކަމުން މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންނަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށެވެ.
"މަމެން ޓުގެދާ އެސް ވަން ތްރީ އެކްސް ތްރީ" ބާސްކެޓް ބޯލް މުބާރާތުގެ ގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ސީ ގިއަރ އަދި އެކްސްނެސްއެވެ. އަދި އޮފިޝަލް ޑްރިންކިންގ ޕާޓްނަރަކީ ޑަރޓްވޯޓަރ ފޮކް ބްރެވެރީ ބައި ޓްރޫލީ ގްރީން މޯލްޑިވްސްއެވެ. މީގެ އިތުރުން ލޮޖިސްޓިކް ޕާޓުނަރަކީ ޖޭސީއައިއެލްއޯ ލޮޖިސްޓިކްސްއެވެ. އޮފިޝަލް ޔުނިފޯމް ޕާޓުނަރަކީ ޖާރޒީ ޝޮޕްއެވެ. މި މުބާރާތުގެ އޮންލައިން ޕާޓްނަރަކީ "ޖަޒީރާ ނިއުސް އެމްވީ"އެވެ.