ރާއްޖެއަށް އެކްސްޕޯޓް ކުރަން ރާވާފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ޓްރިވެންޑްރަމް ފުލުހުން އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެހިކަލެއްގައި ގާތްގަނޑަކަށް 14 ކިލޯގެ މަސްތުވާތަކެތި އުފުލަނިކޮށް ފުލުހުން ވަނީ އެ ވެހިކަލް ހުއްޓުވައި އޭގެ ތެރޭގައި ތިބި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 2.5 ކިލޯގެ ގަންޖާއާ، 11.5 ކިލޯގެ ހަޝިޝް އޮއިލް ހިމެނޭ ކަމަށާއި، އެތަކެތީގެ އަގު 120 މިލިއަން އިންޑިއާ ރުޕީސްއަށް އަރާނެކަމަށް ބެލެވޭކަމަށް ފުލުހުންނާއި ހަވާލާދީ މިޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.
ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މަނޫ ވިލްސަން ނަމަކަށް ކިޔާމީހަކާއި އުމުރުން 31 އަހަރުގެ އަންވަރު ސާދާތު ނަމަކަށް ކިޔާ މީހަކާއި އުމުރުން 28 އަހަރުގެ ރާޖްމޯހަން ކިޔާ މީހެކެވެ. 31 އަހަރުގެ ދެމީހުންނަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ތިބި ދެމީހުންނެވެ.
ހައްޔަރުކުރި ތިން މީހުން ފުލުހުންނަށް ބުނެފައިވަނީ، އެ މަސްތަކުވާތަކެތި ގެންދިޔައީ ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް އޭޖެންޓަކާއި ހަވާލު ކުރަން ކަމަށެވެ. އަދި އެ ތަކެތި ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އަށް ގެންނަން ރާވާފައި އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
މި މައްސަލާގައި އެއްވެސް ދިވެއްސަކު އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.