އިންސާނުންގެ ހަށިގަނޑުގައިވާ އެންމެ އަގުބޮޑު އެއް ގުނަވަން ކަމަށްވާ، ސިކުނޑިއާއި މެދު އިހްމާލުވެވޭ ވަރާމެދު ފުންކޮށް ވިސްނާލެވުންހެއްޔެވެ؟ ބައެއް ކަހަލަ އާދަތަކަކީ އަހަރެމެންނަށް އޭގެ ސަބަބުން ވަގުތީ އަރާމު ނުވަތަ އުފާ ލިއްބައިދޭ ކަމަކަށް ވިނަމަވެސް އޭގެ ސަބަބުން ވަރަށް ގިނަ ގެއްލުންތަކެއް ލިއްބައިދޭކަމަކަށް ވެދާނެއެވެ. އަދި އެކަމެއް ކުރާ ވަގުތަކު އޭގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރި ނަމަވެސް ފަހުން ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަން ކަމަށްވާ ސިކުނޑިއަށް، ގެއްލުންތައް ލިބި ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހި ކުރުވައެވެ.
އަހަރެމެންގެ އަމަލުތަކުގެ ސަބަބުން ސިކުނޑިއަށް ޖެހޭ ބައެއް ނަފްސާނީ ބަލިތަކުގެ ތެރޭގައި ޑިޕްރެޝަން، އެންޒައިޓީ ހިމެނެއެވެ. އަދި ޖިސްމާނީ ބަލިތަކުގެ ތެރޭގައި އޯލްޒައިމަރސް، ސްޓްރޯކް، އެޕިލެޕްސީ އަދި ކެންސަރ ހިމެނެއެވެ. މި ބަލިތައް ޖެހުމަށް މެދުވެރި ކުރުވާ މައިގަނޑު ސަބަބަކީ އަހަރެމެންގެ ބައެއް އާދަތަކުގެ ސަބަބުން ސިކުނޑިއަށް ލިއްބައިދޭން ޖެހޭ ބައެއް މުހިންމު ނިއުޓްރިއެންޓްތައް ލިބުމުން ހުރަސްއެޅުމުގެ އިތުރުން، އަހަރެމެންގެ ސިކުނޑީގެ ސެލްތައް މަރައެވެ.
އަންނަނިވި ކަންކަމަކީ އަހަރެމެން އަބަދުމެ ކޮށްއުޅޭ ކަންކަމަށް ވިނަމަވެސް ސިކުނޑިއަށް ގެއްލުންތައް ލިއްބައިދޭ ނުރައްކާތެރި ބަލިތަކަށް އިންސާނާ ހުށައެޅުމަށް މަގުފަހިކުރުވާ ކަންކަމެވެ.
ހެނދުނުގެ ނާސްތާ ނުކެއުން
ހެނދުނުގެ ނާސްތާއަކީ މުޅި ދުވަހުގެ އެންމެ މުހިންމު ކެއުންކަމަށް ވުމުގެ ފަހަތުގައި ސަބަބުތަކެއް ހުރެއެވެ. ހެނދުނުގެ ނާސްތާ ނުނެގުމުގެ ސަބަބުން ނިކުންނާނެ ބައެއް ނަތީޖާތަކުގެ ތެރޭގައި ބްލަޑް ޝުގަރ ހުންނަ މިންވަރު ދަށްވުމުގެ އިތުރުން ސިކުނޑިއަށް ގެއްލުންތައް ލިބުން ހިމެނެއެވެ. ސިކުނޑިއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވުރެ ގިނަ ހަކަތަ ބޭނުންވާ ގުނަވަނެކެވެ. އަދި ކޮންމެ ދުވަހަކު ހަށިގަނޑުން ލިބެން ހުރި ގްލޫކޯޒްގެ 20 އިންސައްތަ ދަމައިގަންނަނީ ސިކުނޑީގެ ނިޒާމުތައް ކުރިއަށް ގެންދިޔުމަށެވެ.
ހެނދުނުގެ ނާސްތާ ނުކެއުމުގެ ސަބަބުން ހަށިގަނޑަށް އެންމެ ބޭނުންވާ ވަރަށް ހަކަތަ ނުލިބި، ސިކުނޑިއަށް ވެސް ހަކަތަ ލިއްބައިދޭ މިންވަރު މަދުވެ ނަތީޖާއެއްގެ ގޮތުން މީހާގެ ހަށިގަނޑު ހަރަކާތްވެ އުޅޭ ބާރުމިނަށްވެސް ނޭދެވޭ އަސަރުތައް ފޯރައެވެ.
އެކަށީގެންވާ މިންވަރަށް ނުނިދުން
ކޮންމެ މީހަކަށްވެސް އެމީހަކަށް އެކަށީގެންވާ މިންވަރަށް ނުނިދޭނަމަ އެކަންތައް އެނގޭނެއެވެ. އަދި އޭގެ ސަބަބުން މީގަ ވިސްނުމަށާއި ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާކަން ޚުދު އެމީހާއަށްވެސް އެނގޭނެއެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑުގެ ނިއުރޯންތަކުގެ ބާރު ދެރަވެ، މަސައްކަތްތައް ކުރުމަށް ދަތިވެގެން ދެއެވެ. ކްރޮނިކް ސްލީޕް ޑެޕްރިވޭޝަންއަކީ ދާއިމީ ބައްޔެއް ފަދައިން ދެމިގެން ގޮސްފާނެ ކަމެކެވެ. މިކަމުގެ ނަތީޖާ ނިކުންނަނީ ވަރަށް ހިތި ގޮތްތަކަކަށެވެ. މީހާގެ ސިކުނޑި މަސައްކަތް ކުރަން ޖެހޭ ގޮތަށް ހުރަސް އެޅުމުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.
މާ ގިނައިން ކެއުން
އޮބީސީޓީ އަކީ މާ ބޮޑަށް ފަލަވުމުން ކިޔާ ނަމެކެވެ. ގިނައިން އޮބީސިޓީ ޖެހެނީ މާ ގިނައިން ކެއުމުން ނުވަތަ ފަލަވާ ޒާތުގެ ކާނާ ގިނަގިނައިން ކެއުމުންނެވެ. ހަގީގަތުގައި އަހަރެމެން ބަނޑުހައި ވުމުން އަހަރެމެންނަށް ބޭނުންވަނީ ފައިދާ ހުރި ކާނާތަކެވެ. އެހެން ކަމުން ބައެއް ފަހަރު "ޖަންކް ފުޑްސް' ފަދަ ކާނާ ކެއުމުން ވެސް ހަށިގަނޑަށް ބޭނުންވާ މިނަރަލްތަކާއި ވިޓަމިންތައް ލިބުމަށް ހުރަސް އަޅައެވެ. އަދި ސިކުނޑިއަށް އެކަށީގެންވާ ކާނާގެ މާއްދާތައް ނުލިބޭ ގޮތް ދިމާވެއެވެ. އެހެންކަމުން ކާއިރުވެސް މާގިނައިން ޖަންކް ފުޑްފަދަ ކުނިބުނި ކެއުމުން ދުރުވާން ޖެހެއެވެ. އަދި ފައިދާހުރި ވިޓަމިން އާއި މިނަރަލް ހުންނަ ކާނާ ކާން ބޭނުންކުރާ މިންވަރު އިތުރުކުރަން އެބަ ޖެހެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން
ސިކުނޑިއަށް ލިބޭ ގެއްލުންތަކާއި މެދު ގިނަ އަދަދެއްގެ ދިރާސާތައްކޮށް، ހޯދުންތައް ހޯދައިފައިވާ ސައެންސްވެރިންގެ ހޯދުންތަކުގެ އަލީގައި ހާމަވެގެންދާ އެއްކަމަކީ، ދުންފަތަކީ ހަށިގަނޑުގައި ހުންނަ ސެލް މެމްބްރޭން ތަކަށާއި ނިއުރަލް ވައިބިލިޓީ އަށް އަސަރުކޮށް ސިކުނޑީގެ މުހިންމު ސަރަހައްދުތަކަށް ގެއްލުން ފޯރުވާއެއްޗެއްކަމެވެ. މިގޮތުން ދުންފަތުގެ ސަބަބުން ނޭދެވޭ އަސަރުކުރުވާ ސިކުނޑީގެ ބައެއް ނިޒާމުތަކަށް ބަލާއިރު، ހަނދާން ހުންނަ މިންވަރު، ދެކޭ ގޮތް (ނެގެޓިވް ވުން)، ބެލެންސް އަދި ކޯޑިނޭޝަން ހިމެނެއެވެ. ދުންފަތަކީ އިންސާނުންނަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ގެއްލުން ފޯރުވާ އެއްޗެއް ކަމުން އެއާއި ދުރުވުން މުހިންމެވެ.
މި ކަންކަމުގެ އިތުރުން އެކަށީގެންވާ މިންވަރަށް ފެން ބުއިމުން ދުރުހެލިވުން، މާގިނައިން ހަކުރު އެކުލެވޭ ކާނާ ކެއުން ފަދަ ކަންކަމީވެސް ސިކުނޑިއަށް ވަރަށް ނުރައްކާތެރި ގެއްލުންތައް ލިއްބައިދޭ ކަންކަމެވެ. އެހެން ކަމުން މި ކަންކަމުންވެސް ދުރުހެލިވުން މުހިންމެވެ.