ބޮލީވުޑްގެ ކުޅަދަނާ ބަތަލާ ސޯނަމް ކަޕޫރް އަހޫޖާ ލީޑްރޯލުން ފެނިގެންދާ "ޒޯޔާ ފެކްޓާ" ރިލީޒް ކުރާ ތާރީޚް ފަސްކޮށްފިއެވެ.
"ޒޯޔާ ފެކްޓާ" ބެލުންތެރިންނަށް ދައްކާލާ ތާރީޚް މިހާރު މިވަނީ 3 ފަހަރަށް ފަސްކޮށްފައެވެ. އެ ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރާ ގޮތަށް ނިންމީ މިދިޔަ މަހުގެ 5 ގައެވެ. އޭގެ ފަހުން ތާރީހު ބަދަލު ކުރީ ޖޫން މަހުގެ 14 އަށެވެ. މިހާރު އެ ފިލްމު ރިލީޒް ކުރާ ގޮތަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.
"ޒޯޔާ ފެކްޓާ" ގައި ސޯނަމާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާނެވެ. އަދި ސޯނަމްގެ ބައްޕަގެ ރޯލުން އޭނާގެ ބޮޑުބޭބެ ސަންޖޭ ކަޕޫރު ފެނިގެން ދާނެއެވެ.
"ޒޯޔާ ފެކްޓާ" މި ފިލްމަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްކްރާން" ގެނެސް ދިން އަބީޝެކް ޝަރުމާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
"ޒޯޔާ ފެކްޓާ" އަކީ ކްރިކެޓް ޓީމެއްގެ ނަސީބާ، އެޑްވަޓައިޒިން އެޖެންސީއެއްގައި މަސައްކަތް ޒުވާން އަންހެނަކާ ގުޅިފައި އޮންނަ ގޮތް ކިޔައިދޭ ފިލްމެކެވެ. މިއީ ލިޔުންތެރިޔާ އަނޫޖާ ޗޯހަން ހަމަ އެ ނަމުގައި 2008 ގައި ނެރުނު ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ.