ލ. ހިތަދޫ ކައިރިން ވެލި ބަރުކޮށްގެން ދިޔަ ބޯޓެއް ފުލުހުން ބަަލާ ފާސް ކުރަން ފަށައިފި އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ބޮޑު ބޯޓެއް ވެލި ބަރުކޮށްގެން ދާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:10 ހާއިރު އެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ އެ ބޯޓުގެ ރެޖިސްޓްރޭޝަން ނަންބަރާއި، ދިދައެއްވެސް ނެތް ކަމަށެވެ.
އަދި ފުލުހުންނަށް ސިފައިން ދިން މައުލޫމާތާ ގުޅިގެން ފުލުހުންނާއި ސިފައިން އެކީގައި އެ ބޯޓަށް އަރާފައިވާ ކަމަށާއި، ބޯޓަށް އެރިއިރު ބޯޓަށް ބައިވަރު ވެލި ބަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބޯޓުގައި ތިބި މީހުން ބުނާ ގޮތުން އެ ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރަން އަރުވާފައިވާ ވެލި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، އެ ބޯޓަށް ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ބޯޓުގައި ނެތް އިރު، އެ ބޯޓަކީ ސިނަމާލެ ބުރިޖު ހެދި ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.