ކ.ދިއްފުށީގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ރޯކޮށްލި ޑިންގީއާއި އެރަށުގައި ކުރަމުން އަންނަ ވައްކަންތަކާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޑިންގީގެ ވެރި ފަރާތުން ޖަޒީރާ ނިއުސްއަށް ކަށަވަރުކޮށްދީފިއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ރޯކޮށްލި ޑިންގީގެ ވެރިފަރާތް، ހަސަން ޤައްސާން ބުނީ، އޭނާއަކީ ދުވަހަކުވެސް ވައްކަމެއް ކޮށްފައިވާނެ މީހެއް ނޫން ކަމަށާއި އަދި އޭނާގެ ޑިންގީއަކީވެސް އެފަދަ ކަމެއް ކުރުމަށް ގެންގުޅޭ ޑިންގީއެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެ ޑިންގީ ހަވާލުކޮށްފައި އޮންނާނީ ބޭބެއަކާއި. އޭނާ އޭގައި ފަރުމަސްވެރިކަން ކުރާނީ. ވައްކަމާއި ޑިންގީ އެއްވެސް ގުޅުމެއް ނެތް" ޤައްސާން ބުންޏެވެ.
ޤައްސާން ބުނި ގޮތުގައި ޑިންގީ ރޯކޮށްލީ އެރަށުގެ ފިހާރައަކުން ވަގަށް ނެގި ތިޖޫރީއެއް އެ ޑިންގީގައި އުފުލުކަމަށް ބުނެއެވެ. ނަމަވެސް އެއީ ހަޤީޤަތް ނޫން ކަމަށާއި ވަގަށް ނެގި ތިޖޫރި ފެނިފައިވަނީވެސް ރަށުގެ ތުނޑީކޮޅުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.
ގައްސާން ބުނި ގޮތުގައި ޑިންގީ ރޯކޮށްލި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.