ކުރިޔަށް އޮތް އަހަރުގައި ވާނެ ހުރިހާ ކަމެއް ކަނޑައަޅުއްވަނީ ލައިލަތުލް ޤަދްރި ވިލޭރޭގައި ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން" މި މައުލޫޢަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ ﷲ ތައާލާ ވަނީ މުޅި ކާއިނާތުގައިވާ ހުރިހާ ކަމެއް ލިޔުއްވާފައިކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުގެ ކަންކަން ކަނޑައަޅުއްވަނީ ލައިލަތުލްޤަދްރިވިލޭރޭގައި ކަމަށެވެ.

"މުސްލިމު އަހުންނޭވެ! ﷲ ތައާލާ ވަނީ މުޅި ކާއިނާތުގެ އެންމެހާ ކަމެއް ލިޔުއްވާފައެވެ. ނަމަވެސް ކުރިޔަށް އޮތް އަހަރުގައި ހިނގާނެ އެންމެހައި ކަމެއް ކޮންމެ އަހަރެއްގެ ލައިލަތުލްޤަދްރިވިލޭރޭ ކަނޑައަޅުއްވައެވެ. އެހެންކަމުން މީސްތަކުންގެ ރިޒްޤާއި، އުފަންވުމާއި، ދިރިހުރުމާއި، މަރުވުން ފަދަ އެންމެހައި ކަންކަން އެރޭ ބަޔާންކުރެވޭނެއެވެ."

އަދި ލައިލަތުލްގަދްރިވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ (ގާތްގަނޑަކަށް 83 އަހަރު) ހެޔޮކަން ބޮޑުވެގެންވާ މައްސަރެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރޭގައި ﷲގެ އޯގާވަންތަކަމުން އަޅުގަނޑުމެންނަށްޓަކައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވެއެވެ. އެއީ ލައިލަތުލްގަދުރިވިލޭރެއެވެ. ﷲ ތަޢާލާ އެރޭގެ އަޅުކަން އެއްހާސް މައްސަރައްވުރެ މާތްކުރެއްވިއެވެ." ހުތުބާގައިވެއެވެ.

ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެެ.

"ލައިލަތުލްޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ"

ލައިލަތުލްގަދުރިވިލޭރޭގެ މާތްކަން ބަޔާންކުރައްވާ ﷲ ތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭފުޅުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާއި އެކު، ހުރިހާ އަމްރުފުޅަކާއިގެން އެރޭ ފައިބާ ވަޑައިގަންނަވާނެތެވެ"

ލައިލަތުލްޤަދްރިވިލޭރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަފުއްސެވުން އެދި އެ މަލާއިކަތުން ދުއާކުރައްވާނެ ކަމަށާއި، އެރެއަކީ ފަތިސްވެ އަލިވިލެންދެން އަމާންވެގެންވާ ރެއެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ﷲ ތައާލާ ތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމައްދާންދެން، އަމާންކަމާއި، ސަލާމަތްތެރިކަން ލިބިގެންވާ ރެއެކެވެ"

މީގެ އިތުރުން ހުތުބާގައި ވަނީ ލައިލަތުލްޤަދުރިވިލޭރޭ ﷲ ތައާލާ އެއްކައުންވަތަ ކުރާ ހާލު އެއިލާހުގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފިމީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެ ކަމުގެ އުފާވެރި ހަބަރު ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ ކަމަށްވެސް ބުނެފައެވެ.

އަދި ގެ ލޮބުވެރި ރަސޫލާ صلى الله عليه وسلم މުޅި އަހަރުގެ އެހެން ވަގުތުތަކުގައި އަޅުކަމުގައި މަޝްއޫލުވެ ވަޑައިނުގަންނަވާ މިންވަރަށް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމާއިގެން މަޝްއޫލުވެ ވަޑައިގަންނަަވާ ކަމަށްވެސް ހުތުބާގައިބުނެފައިވެއެެވެ.

ހުތުބާގައި ވަނީ ލައިލަތުން ގަދުރިވިލޭރޭ ﷲ ތައާލާ އަޅުގަނޑުމެންނަށް ވަންހަނާކުރައްވާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ކީރިތި ރަސޫލާ صلى الله عليه وسلمގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިިރި ރޭތަކުން ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނާށެވެ!"

ހުތުބާ ނިންމާލަމުން ވަނީ ރަމަޟާން މަހުގެ ކޮންމެ ރެެއެއްގައިވެސް ﷲ ތައާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވެން އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި ލައިލަތުލްޤަދްރިވިލޭރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް އަޅުގަނޑުމެން އެންމެންނަށް ވަސިއްޔަތްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *