މި ކުޑަކުޑަ ގައުމުގައި ކުށްތައް ގިނަވާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. މުސްލިމް މުޖުތަމަޢުއެއްގައި ފެންނަން ނުވާ އެތައް އެތައް ކަމެއް ފެންނަމުންދާ ކަމުގެ ޝަކުވާއަކީ އަބަދުމެ ކުރާ ޝަކުވާއެކެވެ. ކުށްވެރީންނަށް އަދަބު ނުދީ މަގުމައްޗަށް ދޫކޮށްލާ ވާހަކައަކީވެސް އައު ވާހަކައެއް ނޫނެވެ. އިންސާފު ހޯދަން އަޑު އުފުލާ އުފުލުން ކޮންމެ ދުވަހަކުމެ ކޮންމެވެސް މަންސައެއްގައި ފެންނަމުން ދެއެވެ. ނަމަވެސް އެއިން ކަމަކުން ތަސައްލީއެއް ލިބޭހެނެއް ހިއެއްނުވެއެވެ. ސަރުކާރު ބަދަލުވިޔަސް ވެހެވެ.

ފާއިތުވި ދެ ދުވަހު ޚަބަރުތަކުން ފެނި އިވިގެން ދިޔަ ވާހަކައަކީ ކ.ދިއްފުށީގައި ރައްޔިތުން ނިކުމެ ވަގުން ހޯދައި އެ މީހުންނަށް އަދަބު ދިނުމަށް މަސައްކަތް ކުރި ވާހަކައެވެ. އޭގެ ސަބަބުން ލޭ އޮހޮރި ބޮޑެތި އަނިޔާތައް މީހުންތަކަކަށް ވީ ވާހަކައެވެ. އެ މަންޒަރުތައް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ. ރަހުމު ކުޑަ ޢަމަލުތަކެއްގެ ޝިކާރައަކަށްވެފައިވާ މަންޒަރު ފެނުމުން އެއީ ހަމަ ދިވެހީން ކުރި ޢަމަލެއްބާއޭ ހިތަށް އަރައެވެ.

ޚަބަރުތައް މެދުވެރިކޮށް ކަމުގެ ތެރެއަށް ފީނާލުމުން މިކަމުގެ ބިރުވެރިކަން ހިތަށް ވެރިވެއެވެ. ވައްކަން ކުރާ މީހުން އެ ކުރާ ވައްކަމަށްވާ އަދަބު މަގުމަތިން ރައްޔިތުން ދޭން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެކަން އެގޮތަށް ކުރުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ދެން ނިކުންނާނީ ކޮން ކަހަލަ ނަތީޖާތަކެއް ހެއްޔެވެ؟

އެންމެ ފުރަތަމަ މިކަމާ ގުޅޭ ޚަބަރުތައް ހިއްސާ ކުރެވިފައިވާ ޕޯސްޓްތަކުގެ ކޮމެންޓްތަކަށް ނަޒަރު ހިންގާލީމެވެ. ގިނަ މީހުން ބުނާ އެއް ވާހަކައެއް އޮވެއެވެ. "މި ގައުމުގައި އަމާންކަމެއް ނެތެވެ. ސަލާމަތީ ބާރުތަކާއި ކޯޓުތަކަށް އިތުބާރެއް ނުކުރެވެއެވެ. ބަންދުކޮށްފައި އަނެއް ދުވަހު ދޫކޮށްލަނީއެވެ. ކޯޓު ތަކުން އިންސާފު ނުލިބޭނަމަ، އިންސާފު ހޯދޭނީ މަގުމަތިންނެވެ. އެ ހަދަނީ ރަނގަޅަށެވެ" މިއީ ޖަޒުބާތުގައި ކުރާ ކޮމެންޓްތަކަކަށްވިޔަސް އޭގައި ނުރައްކާތެރި މެސެޖްތަކެއް އެކުލެވޭ ކޮމެންޓްތަކެކެވެ. މަދު ބަޔަކު ނަމަވެސް އެކަން އަސްލު އެހެން ކޮށްގެން ނުވާނޭކަމަށް ބުނެ ސަބަބުތައް ދައްކާފައި ހުރެއެވެ.

މި ދަރަޖައަށް މީހުންގެ ވިސްނުން ދާން ޖެހުނީ ކުށްވެރީންނަށް އެކަށީގެންވާ ހައްޤު އަދަބު ނުދެވޭތީއެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްދުތައް ޤާއިމް ނުކުރެވޭތީއެވެ. ޤާނޫނުތަކެއް ހެދިފައި އޮތެއްކަމަކު އެ ތަންފީޒު ނުކުރެވޭތީއެވެ. ކުށްތަކަށް ކަނޑައަޅާފައިވާ ހަރުކަށި އަދަބުތައް ނުދެވޭތީއެވެ.

މިކަން މިހެންވުމުގައި މުއައްސަސާތަކާއި ފަރުދުންގެ އިހުމާލުވެސް ބޮޑެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ފޫޅު ކަނޑާންވީ މުއައްސަސާތަކަކަށް ނޫނެވެ. ފުލުހުން ކިތަންމެ މަސައްކަތެއް ކޮށްގެން ކުށްވެރިން ހައްޔަރު ކުރި ނަމަވެސް، ކުށްވެރިން އެ ކުރި ކުށް ސާބިތުކޮށް ދެވޭ ވަރަށް ހެކި ނެތްނަމަ ނުވަތަ ކަންކަން ފުރިހަމަ ނުވާނަމަ އަނެއްކާވެސް އެކުށްވެރީން ދޫވަނީ މުޖުތަމަޢުއަށެވެ. ފަރުދީގޮތުން ދޭން ޖެހޭ މަޢުލޫމާތާއި ހެކިބަސް ކަމާބެހޭ ތަންތަނާ ހިއްސާ ކުރެވޭނަމައީ މިކަހަލަ ގިނަ ކަންކަން ހައްލުވެގެން ދާނެ ކަމެއްކަމުގައި ވިސްނެއެވެ.

އެހެނޭ ކިޔާފައި މަގުމަތިން އިންސާފު ހޯދުމަށް ކަމަށް ބުނެ ވަޅިންނާއި ލަޓިބުރިން އަނިޔާކޮށް ކަންކަން ކުރުމުން އާޚިރު ނަތީޖާތައް ގޯހެވެ. އެރަށެއްގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގެއްލި މީހުންގެ ތެރޭގައި ބިރުވެރިކަން ފެތުރެއެވެ. ދިއްފުށި ކަހަލަ ލޯކަލް ޓުއަރިޒަމަށް ފައްކާވަމުން އަންނަ ރަށެއްގައި އެކަހަލަ ކަމެއް އެބީދައިން ކުރުމުން އިޤުތިޞާދީ ގޮތުންވެސް އެ ރަށަށް ގެއްލުންތަކެއް ވާނެއެވެ. ހަމަ އެއާއެކު ކުށްވެރިން ކުރި ކުށަށް މަގުމަތިން އަދަބު ދިނުމުން އެކަން ކުރިމީހުނަށްވެސް ބޮޑެތި ކުށްތަކަށް އަރައިގަނެވި ކުށްވެރީންނަށް ވީއެވެ. އިންސާފު ހޯދަން ނިކުތް މީހުން އިންސާފުގެ ކުރިމައްޗަށް ހުށަހެޅުނީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *