މަތިވަރު ފުޓްސަލް ޗެލެންޖް ކަޕް 2019ގެ ޗެމްޕިއަންކަން ލ.ގަން ތުނޑި "ގޯޅި ސްޕޯޓްސް ކުލަބު"ން ހޯދައިފިއެވެ. ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ޝަރަފުވެރިކޮށްދެއްވި ފައިނަލްމެޗުގައި ގޯޅި ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދީ ވާދަވެރި "ކަންމަތި ސްޕޯޓްސް ކުލަބު"ގެ މައްޗަށް 2 - 1 ކުރި ހޯދައިގެންނެވެ. ދެ ޓީމުގައިވެސް ރާއްޖޭގެ ފުޓްސަލް މޮޅެތި ކުޅުންތެރިން ކުޅުނުއިރު މެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ގޯޅި ސްޕޯޓްސް ކުލަބުގެ ކެޕްޓަން ހުސައިން ޝަރީފު (އޮންލީ)އެވެ. އޭގެ އިރުކޮޅެއްފަހުން އެ ޓީމުގެ ހުސައިން ނާޝިދު (ނާއްްޓޯ) ވަނީ ލީޑު ފުޅާކޮށްދީފައެވެ. މެޗެ ނިމެން ކުޑަތަން ވެފައިވަނިކޮށް ކަންމަތި ސްޕޯޓްސް ކުލަބުން ވަނަ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުންތެރިޔަކަށް ހޮވިފައިވަނީ ގޯޅި ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 10 ޔާމީން މުޙައްމަދު (ޔާންޓޭ)އެވެ. ޔާންޓޭގެ ފަރާތުން މުބާރާތުގައި ވަނީ ތަފާތުމޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ:
1. ސިކްސެންސް ލާމުގެ ޖާޒީ ނަންބަރު 11 އަޙްމަދު ސަބާހު
2. ގޯޅި ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 10 ޔާމީން މުޙައްމަދު (ޔާންޓޭ)
3. ގޯޅި ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 2 ހުސައިން ނާޝިދު (ނާއްޓޯ)
4. ކަންމަތީ ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 8 އިބްރާހިމް އަސްވަދު (ގަބޭ)
5. އައުޓު ރީފިގެ ޖާޒީ ނަންބަރު 10 ޢަލީ ފަރުހާން
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ޓޮޕްސްކޯރާކަން ހޯދާފައިވަނީ ސިކްސެންސެސް ލާމުގެ ހުނަރުވެރި ކުޅުންތެރިޔާ އަޙްމަދު ސަބާހުއެވެ. މަތިވަރު ފުޓްސަލް ޗެލެންޖް 2019 ގެ ފެއަރޕްލޭ ޓީމަކީ ސިކްސެންސް ލާމެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ގޯޅި ސްޕޯޓްސް ކުލަބުގެ މެނޭޖަރު ޔޫސުފް ނަޝީދު ބުނީ މުބާރާތުގައި ވާދަކުރަން ނިންމީވެސް މި ހިސާބަށް އައުމަށް އަޒުމް ކަނޑައަޅައިގެންކަމަށެވެ. ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގެއްލުމަކީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އަޙްމަދު ހަލީމު (އަންމަޑޭ)އަށް އަނިޔާވެ މުޅި މުބާރާތުގައިވެސް އަންމަޑޭގެ ބޭނުން ނުކުރެވި ދިޔުންކަމަށް މެނޭޖަރު ބުންޏެވެ.
" އަސްލު އެންމެ ވަރުގަދަ ކުޅުން ނުދެއްކި ދިޔައީ ޓީމުގެ ކެޕްޓަން އަންމަޑޭ އަނިޔާގަ ހުރުމުން، ނަމަވެސް ޗެމްޕިއަންކަން ނެގުމުގަ ކޯޗެއްގެ ގޮތުގައި އަންމަޑޭ މިވަނީ އަނެއްކާވެސް ތަފާތު ދައްކާފަ. ނުކުޅެވުނު ނަމަވެސް އަންމަޑޭގެ އިރުޝާދަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް" މެނޭޖަރު ނަޝީދު ބުންޏެވެ.
މެނޭޖަރު އިތުރަށް ބުނީ، ޓީމުގެ ސަޕޯޓަރުން ޚާއްސަކޮށް ގޯޅި ސްޕޯޓްސް ކުލަބުގެ މެންބަރުންގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ގޯޅި ސްޕޯޓްސް ކުލަބުން އަބަދުވެސް ޝުކުރުވެރިވާނެކަމަށެވެ. އަދި މިއީ ގަމަށް ޚާއްސަކޮށް ލ.ގަން ތުނޑި އަބަދުވެސް ފަޚުރުވެރިކޮށްދޭނެ ކުލަބެއްކަމަށްވެސް ބުންޏެވެ.
" ގޯޅި އަބަދުވެސް ތަފާތުވާނެ. ފުޓްސަލް މުބާރާތްތަކުގައި ގޯޅި ބައިވެރިވާނީ ވަރަށް އަޒުމުގަ. ކުރިން ތުނޑީގައި ބާއްވަމުން ދިޔަ ފުޓްސަލް މުބާރާތްވެސް ގޯޅިވާނީ ޖެހި ޖެހިގެން ތިން ފަހަރު ނަގާ މިލްކުކޮށްފަ. އަދި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މިއީ. އަދި މަތިވަރު ފުޓްސަލް މުބާރާތުގައި ގޯޅި ސްޕޯޓްސް ކުލަބު ބައިވެރިވި މިއީ ފުރަތަމަ ފަހަރު." މެނޭޖަރު ބުންޏެވެ.
ނަޝީދު ވަނީ މުބާރާތް ކާމިޔާބުކުރުމުގަ ކުުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި އަނިޔާގައި ހުރުމުން ފައިނަލް މެޗްގައި ނުކުޅެވުނު ޢަބްދުﷲ ޝައްފާނު (ޝާކާ)އަށް އަވަސް ޝިފާއަކަށް އެދޭކަމަށް ބުންޏެވެ. އަދި ޢަބްދުﷲ ޝާފިއު ޝާއްޕެއާއި، ޔާމީން މުޙައްމަދު ޔާންޓޭއާއި، ޒައިދާން އަހުމަދު އަސޯއާއި، މުހައްމަދު ރިފްއަތު (ރިއްޕެ)، ރިހާމް އަބްދުލްގަނީ (ބޮބީ)، ޢަބްދުﷲ ޒިޔާން (ޖަންކީ)، ސުހައިލު (ސޮކޭ) އަށް ޚާއްސަ ޝުކުރެއް އަދާ ކުރާކަމަށެވެ. އަދި ކުލަބުގައި ދެގޮތެއްނުވެ ކުޅެމުންދާ، އޮންލީ، ނާއްޓޯގެ އިތުރުން ފިރުޝާން (ފިއްޓޭ)އަށްވެސް ނަޝިދު ޝުކުރު އަދާކުރިއެވެ.
ޗެމްޕިއަން ޓީމުގެ ކެޕްޓަން ޙުސައިން ޝަރީފު (އޮންލީ)ވެސް ވަނީ ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. އޮންލީ ބުނީ ކުލަބުގެ މެނޭޖްމެންޓާއި ސަޕޯޓަރުންނަށް މި ކާމިޔާބީ ހިއްސާކުރާކަމަށެވެ.
"މިއީ ކުލަބަށް ލިބުނު ޝަރަފެއް. ތުނޑިއަށް ލިބުނު ޝަރަފެއް. ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން" އޮންލީ ބުންޏެވެ.