ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިންޑިއާ ޖީއެމްއާރްއިން ޓެކްސް ދައްކަން ނުޖެހޭ ކަމަށާއި، އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ފައިސާ ދައްކަން ޖެހޭނީ ދިވެހި ދައުލަތުން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެޓާނީ ޖެނެރަލް އޮފީހުން ނެރުއްވި ބަޔާނުގައިވަނީ ޖީއެމްއައިއޭއެލްއަށް ދައްކާފައިވާ އާބިޓްރޭޝަން އެވޯޑްގެ ފައިސާއިން ޓެކްސް ނެގުމާ ގުޅޭގޮތުން ލަފަޔަކަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން 2019 ޖަނަވަރީ 10ވަނަ ދުވަހު އޭޖީ އޮފީހުގައި އެދުމާއި ގުޅިގެން މީރާއަށް ޤާނޫނީ ލަފާ ދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވާގޮތުން އާބިޓްރޭޝަންގެ ނިންމުން ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން ޤަބޫލުކޮށް، އެ އެވޯޑުގައިވާ އަދަދަށް ޖީއެމްއައިއޭއެލްއަށް 2016 ނޮވެމްބަރ 15ގައި އެމްއޭސީއެލްއިން ފައިސާ ދައްކާ ވަނީ ހަލާސްކޮށްފައެވެ. އަދި އެ ފައިިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެކަމަށް ފައިސާ ދެއްކިއިރު އެމްއޭސީއެލް އިން ބުނެފައިވާ ކަމަށްވެސް އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

“އާބިޓްރޭޝަނުގެ ފައިނަލް އެވޯޑްގެ ފައިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވާތީ، އެވޯޑްހެ ފައިސާއިން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެކަމުގެ ޔަޤީންކަން ދެމެވެ.” 2016 ވަނަ އަހަރު ޖީއެމްއާރަށް ފައިސާ ދައްކަމުން އެމްއޭސީއެލް އިން ފޮނުވި ސިޓީގައި ބުނެފައިވާކަމަށް އޭޖީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖީއެމްއާރުން މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އުފެއްދި ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއަޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް) އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ރާއްޖެއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު މީރާއިން ވަނީ ޖީއެމްއާރުން ޓެކްސްގެ ގޮތުގައި ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފައެވެ.

"އިސްވެ ދެންނެވުނު ކަންކަމަށް ރިއާޔަތްކުރާއިރު، ޖީއެމްއައިއޭއެލް އަށް ދައްކާފައިވާ އާބިޓްރޭޝަން އެވޯޑްގެ ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައޮސެއްކަމަށް މީރާއިން ނިންމާ ހާލަތެއްހައިވެސް، އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން ކުރަންޖެހޭ ކަމެކެވެ" އޭޖީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖީއެމްއާރު ޓެކްސްގެ މައްސަލައިގައި އޭޖީ އޮފީހުން މީރާއަށް ޤާނޫނީ ލަފާ ދެއްވި ކަމަށް އެ އޮފީހުން ވިދާޅުވެފައި މިވަނީ، އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅުންހުރި އެއްވެސް ކަމެއް ނިންމަވާފައި ނުވާނެކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތް ވިދާޅުވެފައި ވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *