ސުލައިމާން އަލައިހިއްސަލާމް ވީ ރަސޫލު ބޭކަލެއްކަމަށްވާ، ދާވޫދު އަލައިހިއްސަލާމްގެ އެންމެ ހަގު ބޭކަލަށެވެ. ސުލައިމާންގެފާނުގެ މަންމާފުޅަކީ ސަބާއެވެ. އެކަލޭގެފާނަށް އާދަޔާ ޚިލާފު ކުޅަދާނަކަމާއި، ހުނަރުތައް ލިބިފައިވިއެވެ. ދާވޫދުގެފާނަށްފަހު ރަސްކަން ކުރައްވާނެ ބޭކަލަކަށް ސުލައިމާނުގެފާނު އައްޔަން ކުރެވުނެވެ. ދާވޫދު އަލައިހިއްސަލާމް އަވަހާރވުމަށްފަހު ރަސްކަލަކަށް ސުލައިމާންގެފާނު ވެވަޑައިގަތެވެ.
ކީރިތި ޤުރުޢާނުގައި އަންނަމްލް ސޫރަތުގެ 15 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް ޢިލްމުވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް އީމާންވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ."
ސުލައިމާންގެފާނުގެ ޒަމާނުގައި ދަތުރުފަތުރުކުރުމަށް މީހުން ޢާންމުކޮށް ބޭނުންކޮށް އުޅުނީ އަހެވެ. އަސްތަކަކީ އެބައިމީހުންގެ ހަނގުރާމަތަކުގައި ދިފާއުކުރުމަށާއި ހަނގުރާމަވެރިން އަދި ހަތިޔާރުތައް ތަންތަނަށް ގެންދިޔުމަށްޓަކައި ބޭނުންކޮށް އުޅުނު މުހިންމު ޖަނަވާރެކެވެ. އެ ޖަނަވާރުންނަކީ ފުރިހަމައަށް ތަމްރީން ކުރެވިފައިވި، އަޅާލުން ލިބުނު އެއްޗެހިތަކެވެ. ސުލައިމާނުގެފާނުވެސް މި އަސްތައް ދެކެ ވަރަށް ލޯބިފުޅުވާކަމަށް ވެއެވެ.
ކީރިތި ޤުރުޢާނުގައި ޞޯދް ސޫރަތުގެ 31 ވަނަ އާޔަތާއ 32ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمان ގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ!"
"ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ޒިކުރުކުރުން ފިޔަވައި، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ."
އަދި އެކަލޭގެފާނުގެ އަމުރަށް ޖިންނި ޝައިޠާނުންނާއި ވައި އަދި ޖަނަވާރުންވެސް ކިޔަމަންގަންނަ ކަމަށްވެއެވެ. ޞޯދް ސޫރަތުގެ 36 ވަނަ އާޔަތުން ފެށިގެން 40 ވަނަ އާޔަތާ ހަމައަށް މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވ.
"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި ޚިދުމަތްތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ."
"އަދި ޖިންނި شيطان ން، އެކަލޭގެފާނަށް ޚިދުމަތްތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ."
"އަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ."
"މިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ ސުވާލެއް ނުކުރައްވާނެތެވެ."
"އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ."
އެއްދުވަހެއްގައި ސުލައިމާނުގެފާނު އެކަލޭގެފާނުގެ ލަޝްކަރު އެއްކުރެއްވިއެވެ. އެ ލަޝްކަރުގައި އިންސާނުންގެ އިތުރުން ޖިންނީންނާއި ދޫނިސޫފާ ސޫފީގެ ބާވަތްތަކާއި ޖަނަވާރުން ތިއްބެވެ. ސުލައިމާނުގެފާނު ލަޝްކަރަށް އިސްރާއީލުގެ ދެކުނަށް ދަތުރުކުރުމަށް އަމުރުކުރެއްވިއެވެ.
އަދި އެ ލަޝްކަރު ވާދީއެއްގެ ކައިރިން ހުރަސްކޮށްދަނިކޮށް ހިންޏަކަށް އެ މަންޒަރު ފެނި، އެހެން ހިނިތަކަށް މި ޚަބަރު ދީ ސަލާމަތްވެ ރައްކާވުމަށް ގޮވައިލަން ދިޔައެވެ. އަދިގޮސް ހިނި އެހެން ހިނިތަކަށް ގޮވައިލިއެވެ. "އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! އެއީ ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ"
މިއަޑު އިވި ސުލައިމާނުގެފާނު ހިނިތުންވެލެއްވިއެވެ. އަދި ހިނިތަކަށް އެކަލޭގެފާނަކީ ރަސޫލުބޭކަލެއްކަން އެނގުމުން ﷲ އަށް ހަމްދުކުރެއްވިއެވެ.
މާތްﷲ އަންނަމްލު ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން 19 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން سليمان ގެފާނަށް އެކަލޭގެފާނުގެ ލަޝްކަރު އެއްކުރެއްވުނެވެ. ފަހެ، އެ ލަޝްކަރު އެތުރިގެންވެއެވެ."
"(ދެން لشكر އާއިގެން) ހިނީގެ ވާދީއަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ."
"ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް އިލްހާމު ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުން، އިބަރަސްކަލާނގެ ޞާލިހު އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"
އިސްރާއީލުގެ މިހާރުގެ ވެރިރަށުގައި ބޮޑު ހިލައެއްގެ މަތީގައި ސުލައިމާނުގެފާނު ރީތި މިސްކިތެއް ބިނާކުރެއްވިކަމަށްވެއެވެ. އަދި އެރަށުން ގިނަ ބައެއް ސުލައިމާނުގެފާނާއި ބައިވެރިވެވަޑައިގަނެ މައްކާގެ ހަރަމްފުޅަށްގޮސް ހައްޖުވިއެވެ. އަދި އެއަށްފަހު ޔަމަނަށް ހިޖުރަ ކުރެއްވިއެވެ. ޔަމަނުގެ ސަންއާ ނަމަކަށް ކިޔުނު ރަށެއްގައި ފެން ފޯރުކުރުމަށްޓަކައި ހަދައިފައިހުރި ގޮތާއިމެދު ސުލައިމާނުގެފާނު އަޖައިބުވެވަޑައިގަތެވެ. އަދި އެފަދައިން ފެން ފޯރުކޮށްދޭ ގޮތެއް އެކަލޭގެފާނުގެ ގައުމުގައި ބިނާކުރަން ސުލައިމާނުގެފާނު ނިޔަތްގަތެވެ. ނަމަވެސް އެކަލޭގެފާނުގެ އަތްޕުޅުގައި އެއަށް ބޭނުންވާ އާލާތްތަކެއް ނެތެވެ.
އެއްދުވަހަކު ސުލައިމާނުގެފާނުގެ ގާތަށް އެކަލޭގެފާނުގެ ދޫންޏެއް ސަބްއާއިން ޚަބަރުތަކެއް ގެނެސްދެއްވިއެވެ. އެ ދޫނި ބުނިގޮތުން ސަބްއާގައި ރަނިކަންކުރަމުންދިޔަ ބިލްޤިސް ނަމަކަށް ކިޔުނު އަންހެނެއްގެ އަތުގައި ﷲ ދެއްވި ހުރިހާ ނިޢުމަތެއް ހުރި ހާލުގައިވެސް އޭނާގެ ހިތަށް ވަނީ ޝައިޠާނާ ވެރިވެގެންފައިކަމަށެވެ. އަދި އޭނާގެ ގައުމުގެ މީހުންނާއި އޭނާއާއި ވީ ޣާފިލްވެފައިކަމަށެވެ. އެމީހުން އަޅުކަންކުރަމުން ދިޔައީ ﷲ ތަޢާލާއަށް ނޫންކަމަށާއި އެކަލާނގެ ހެއްދެވި އެއްޗެއްކަމަށްވާ އިރަށް އަޅުކަންކުރުމުގައި އެބައިމީހުން ދެމިތިބޭ ކަމަށް ސުލައިމާނުގެފާނަށް އެންގެވިއެވެ.
މި ޚަބަރު އިވުމުން ސުލައިމާނުގެފާނު ދޫނީގެ އަތަށް ބިލްޤިސްއަށް ފޮނުއްވުމަށް ސިޓީއެއް ދެއްވުމަށްފަހު އޭނާގެ އަމަލުތައް ބެލުމަށް ފިލައި އިނުމަށް ދޫންޏަށް އަމުރުކުރެއްވިއެވެ. އަދި އެ ދޫނި ރާނީގެ ކުރިމައްޗަށް ސިޓީ ވައްޓާލުމަށްފަހު އުދުހިފައިގޮސް ފިލިއެވެ.
ކީރިތި ޤުރުއާނުގައި އަންނަމްލު ސޫރަތުގެ 30 ވަނަ އާޔަތުގައި އަދި 31 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
"އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.)"
"ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!"
އަދި މި ސިޓީ ކިޔައި އޭނާގެ ގައުމުގެ ބޮޑުންގެ ކައިރިއަށް އޭނާ ދުރުވިއެވެ. އަދި އޭނާ ވިދާޅުވިކަމަށް ކީރިތި ޤުރުޢާނުގެ އަންނަމްލު ސޫރަތުގެ 32ވަނަ އާޔަތުން ފެށިގެން 34ވަނަ އާޔަތާހަމައަށް އައިސްފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު ހާޟީރު ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ."
"އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ!"
"އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، ފަސާދަ ކުރައްވައި، އަދި އެރަށެއްގެ އަހުލުވެރިންކުރެ ޢިއްޒަތްތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ."
ބިލްޤިސްގެ ޚަބަރުތައް ފޯރުކުރާ މީހުން ސުލައިމާނުގެފާނުގެ އަރިހަށް ހަދިޔާތަކަކާއެކު އައި ހިނދެވެ. ސުލައިމާނުގެފާނު އެކަލޭގެފާނުގެ ލަޝްކަރަށް ހުށިޔާރުވުމަށް އަމުރުކުރެއްވިއެވެ. އަދި ބިލްޤިސްގެ މީހުންނަށް ސުލައިމާނުގެފާނުގެ ލަޝްކަރު ފެނި އެބައިމީހުންގެ މުދާތަކުގެ އެއްވެސް ބާރެއް މިގަދަފަދަ ލަޝްކަރުގެ ކުރިމަތީގައި ނުވާނެކަން އެނގުނެވެ. އަދި އެކަލޭގެފާނުގެ ލަޝްކަރުގައި ސިންގާތަކާއި، މިނިކާވަގުތަކާއި ދޫނިސޫފާސޫފީގެ ބާވަތްތައް ވަނިކޮށް ފެނުމުން އެބައިމީހުން ތިބީ ހައިރާންވެ އަަޖައިބުވެފައެވެ.
އަންނަމްލު ސޫރަތުގެ 36 ވަނަ އާޔަތާއި 37 ވަނަ އާޔަތުގައި ވަހީކުރައްވާފައެވެ.
"ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން މަދަދު ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ."
"ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ ލަޝްކަރަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ ހާލުގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ."
ސުލައިމާނުގެފާނު އެމީހުންނަށް އަމުރުކުރީ އެތަނުގެ ރާނީގެ ހަދިޔާތައް އަނބުރައި ގެންދިޔުމަށާއި އެމީހުން އިރަށް އަޅުކަން ކުރުން ދޫނުކޮށްފިނަމަ އޭނާގެ ގައުމުގެ މީހުން އެ ރަށުން ނެރޭނެ ކަމަށެވެ. ބިލްޤިސްގެ މީހުން އޭނާއަށް މި ޚަބަރު ދިނެވެ. އަދި އެމީހުންނަށް ފެނުން އާދަޔާ ޚިލާފުކަންކަން އެކަމަނާއަށް ކިޔައިދިނެވެ.
ބިލްޤިސް ނިންމެވީ ސުލައިމާނުގެފާނާއި ބައްދަލުކުރެއްވުމަށެވެ. އަދި އޭނާގެ ޝާހީ ބޮޑުންނާއެއްކޮށް ސުލައިމާނުގެފާނުގެ ގައުމާއި ދިމާލުން ދަތުރުފެއްޓެވިއެވެ.
ސުލައިމާނުގެފާނު އެކަލޭގެފާނުގެ ލަޝްކަރުގައި ތިބި ޖިންނީންނަށް ސުވާލުކުރިއެވެ. ބިލްޤިސްގެ ތަޚުތު އޭނާ ސުލައިމާނުގެފާނުގެ އަރިހަށް ވަޑައިގަތުމުގެ ކުރިން އެތަނަށް ގެނެވޭނެތޯއެވެ. އަދި ޖިންނިއަކު ބުނިކަމަށް ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ.
"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، އިސްލާމްވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ ތަޚުތު ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟"
"ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް އަމާނާތް ތެރިއަކީމެވެ."
އަދި އެ ޖިންނި ބަލްޤިސްގެ ތަޚުތު ގެނައެވެ. ސުލައިމާނުގެފާނު ހުންނެވީ ފަލަސްތީނުގައެވެ. އަދި ބިލްޤިސްގެ ތަޚުތު އިންނެވީ ޔަމަނުގައެވެ. ދެހާސް މޭލު ދުރުގައެވެ. ނަމަވެސް އެހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިލްޤިސްގެ ތަޚުތު ސުލައިމާނުގެފާނުގެ އަރިހަށް ގެނެވުނެވެ.
ބިލްޤިސް ސުލައިމާނުގެފާނުގެ އަރިހަށް ވަޑައިގަތުމުން އެކަމަނާއަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައި މަރުހަބާ ކިޔުނެވެ. އަދި އޭނާގެ ތަޚުތާއި ދިމާލުން އޭނާ ގެންދެވުނެވެ. އަދި ސުލައިމާނުގެފާނު އެކަމަނާއާއި ސުވާލުކޮށް ވިދާޅުވީ އެއީ އޭނާގެ ތަޚުތުތޯއެވެ. ބިލްޤިސް ވަރަށް ގިނަ އިރު ބެއްލެވުމަށްފަހު އެއީ އޭނާގެ ތަޚުތާއި ވައްތަރު ގޮނޑިއެއްކަމަށް އެއްބަސް ވެވަޑައިގަތެވެ.
އަންނަމްލު ސޫރަތުގެ 42 ވަނަ އާޔަތާއި 43 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ފަހެ، އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. ކަމަނާގެ ތަޚުތުވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (سليمان ގެފާނު ވިދާޅުވިއެވެ.) އެކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، علم ލިބިފައެވެ. އަދި (އެކަމަނާގެ ކުރިން) ތިމަންމެން މުސްލިމުންކަމުގައި ވީމުއެވެ."
"އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، ކާފިރު ޤައުމެއްގެ މީހުންގެ ތެރެއިންނެވެ."
ސުލައިމާނުގެފާނު ބިލްޤިސްއަށް އޭނާގެ ގަނޑުވަރަށް ދައުވަތު އެރުވިއެވެ. އެކަލޭގެފާނުގެ ގަނޑުވަރުގެ ތެޅުންގަނޑު ހެދިފައިވީ ބިއްލޫރިންނެވެ. ބިލްޤިސް ހުރީ މި ތަނުގެ ރީތިކަން ފެނި އަޖައިބުވެފައެވެ.
އެތަނުން ފެނިގެންދިޔަ އާދަޔާ ޚިލާފުކަންކަމުން ބިލްޤިސް އަށް ވިސްނިވަޑައިގަތީ އެކަމަނާ އަށް ހުރެވުނީ ހަމައެކަނި ވިސްނުންފުޅު ތޫނު ބޭކަލެއްގެ އަރިހުގައި ނޫންކަމަށާއި ސުލައިމާނުގެފާނަކީ ﷲ ގެ ރަސޫލު ބޭކަލެއް ކަމަށެވެ. އަދި އޭނާ ތައުބާވެ އިރަށް އަޅުކަން ކުރާ ދީން ދޫކޮށްލިއެވެ. އަދި އޭނާގެ ގައުމުގެ މީހުންނަށްވެސް އެފަދައިން އަމަލުކުރުމަށް އެންގެވިއެވެ.
އަންނަމްލު ސޫރަތުގެ 44 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ."