ރާއްޖޭގެ ޓޫރިޒަމް އާއި ބެހޭ ޤާނޫނުގެ ދަށުން ލައިސަންސް ބާތިލްކުރި ކުންފުނިތަކަށް އަނބުރާ އެ ލައިސަންސްތައް ދޫކޮށްފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝަރުތުތަކެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ލައިސަންސް ބާތިލްކުރި ކުންފުނިތަކަށް އަލުންވަނީ ލައިސަންސް ދޫކޮށްފައިކަމަށެވެ.
ވަކި މުއްދަތެއްގެ ތެރޭގައި ހުއްދަ ބާތިލް ކޮށްފައިވާ ރިސޯޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ދެއްކުމަށާއި މުުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހައްލު ކުރުން އެ އެއްބަސްވުމުގައި ވަނީ ޝަރުތުކޮށްފައެވެ.
އަދި އެއާއެކު ރިސޯޓުތަކުގެ ސަލާމަތީ ރައްކާތެރިކަމާއި ގުޅުން ހުރި ކަންތައްތައް އިސްލާހު ކުރުމަށާއި ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ އަދަދު ކަނޑައެޅިފައިވާ މިނުގައި ބެހެއްޓުމަށްވެސް އެއްބަސްވުމުގައި ޝަރުތުކުރެވުނެވެ.
އަލުން ލައިސަންސް ދީފައިވާކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައި ވީ ނަމަވެސް އެއީ ކޮން ރިސޯޓުތަކެއް ކަމެއް އަދި ކިތައް ރިސޯޓުކަމެއްވެސް ހާމައެއް ނުކުރެއެވެ.