އިންޑިއާގެ މިހާރުގެވެސް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީ އިން ބޮޑު ތަފާތަކުން އިންތިޚާބުން ކުރި ހޯއްދެވުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ އެ ކާމިޔާބީ އަކީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ސަރުކާރަށް އޮތް ތާއީދު ހާމަވި ދިޔަ ކަމެއް ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިއަދު ވޯޓު ގުނަން ފަށާފައި ވާއިރު އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން ވެސް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އުޅެނީ ވާދަކުރާ 542 ގޮނޑީގެ ތެރެއިން 279 ދާއިރާއަކުން ކުރީގައެވެ. އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީ ކުރީގައި އުޅެނީ އެންމެ 52 ގޮނޑިއެއްގަ އެވެ.
އެހެންކަމުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 272 ގޮނޑި މޯދީގެ ބީޖޭޕީ އިން ހޯދާނެ ކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ.
އަދި މިއީ މި 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.