ޖުޑީޝަލް ސާވިސް ކޮމިޝަަން (ޖޭއެސްސީ)އިން ސިވިލް ކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން އިއުލާންކޮށްފިއެވެ.
މި އަންނަ ޖޫންމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ވާހަކަ ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވެއެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާއި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުރުމެވެ. ހަމައެއާއެކު ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ މީހަކަށް ނުވުމާއި އުމުރުން 25 އަހަރު ފުރިފައި ވުމެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިންތިޚާބު ކޮށްފައިވާ ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމަކީވެސް މި މަޤާމުގެ ޝަރުތެކެވެ.
ސިވިލް ކޯޓުގައި މިހާރު ތިއްބަވަނީ މުޅިއެކު ޖުމްލަ 14 ފަނޑިޔާރުންނެވެ. ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ މަހަކު 46،000 ދިވެހި ރުފިޔާއަށްވުރެވެސް މަތީ އަދަދަކަށް ވާއިރު، އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.