ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުން ގަވައިދާއި ހިލާފަށް، އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރާ ފަރާތްތަކުގެ ހާއްސަ ދަފްތަރެއް އެކުލަވާލައި، ބެލެހެއްޓުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ނިންމައިފިއެވެ.

ރޭ އެޕާޓީން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއި ވިދާޅުވީ، މި ސަރުކާރުން ގަވައިދާއި ހިލާފަށް ވަޒީފާއިން ވަކިކުރާ ފަރާތްތައް އެ ޕާޓީގެ އޮފީހަށް ޒިޔާރަތްކޮށް އެކަމަށް ހާއްސަ ފޯމެއް ފުރުއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ އޮފީހުން މި ފޯމު ލިބެން ހުންނާނީ. މިއީ ހާއްސަ ފޯމެއް ކަމުން މި ފޯނު އަޅުގަނޑުމެންގެ ވެބްސައިޓަކުންވެސް އަދި އެހެންތަނަކުންވެސް ލިބޭކަށް ނުހުންނާނެ" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، ފޯމު ހުށަހަޅަން އަންނައިރު ވަޒީފާގައި އުޅުން ކަމުގެ ލިޔުމާއި އެނޫންވެސް ކަމާއި ބެހޭ ލިޔެކިޔުންތައް ގެންނަން ޖެހޭނެ ކަމަށެވެ.

އަދި ސުޖާއު ވިދާޅުވީ، މިސަރުކާރުން އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމުގެ ފުރަތަމަ ދުވަހުގެ ތެރޭގައި މުސާރައާއި އެކު އެފަރާތްތަކަށް އަލުން ވަޒީފާ ދިނުމަށް ކަމަށެވެ.

"އިޔާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ޕީއެންސީން ރާއްޖޭގެ ވެރިކަމަށް އަންނާނެ. އަޅުގަނޑުމެންގެ ވެރިކަމަށް 24 ގަޑިއިރު ތެރޭގައި އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަލުން ވަޒީފާ ހަމަޖައްސައިދޭންނަން" ސުޖާއު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ އަހުމަދު ނިޙާން ހުސެން މަނިކު ވިދާޅުވީ، މި ސަރުކާރުން ގެންގުޅެނީ މީހުން ވަޒީފާއިން ވަކިކުރުމުގެ އާ އުކުޅެއް ކަމަށެވެ.

"މިސަރުކާރުން މިހަދާ ގޮތަކީ މަގާމު އުވާލަނީ." ނިހާން ވިދާޅުވިއެވެ.

މި ސަރުކާރުން އުސޫލުން ބޭރުން މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ ޕީއެންސީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެކަން އެގޮތައް ނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *