މަރްޔަމްގެފާނަކީ އިސްލާމްދީނުގައި ޚާއްސަ މަޤާމެއް ދެވިފައިވާ މާތް ބޭކަނބަލެކެވެ. ކީރިތި ޤުރުޢާނުގެ 19 ވަނަ ސޫރަތަށް އެކަމަނާގެ ނަމުން ނަންދެވިފައިވާއިރު، 3 ވަނަ ސޫރަތް، އާލް އިމްރާން ސޫރަތަށް ނަންދެވިފައިވަނީ އެކަމަނާގެ އާއިލާގެ ނަމުންނެވެ. އިސްލާމްދީނުގައި އެކަމަނާގެ އާއިލާއަށް ދެވިފައިވަނީ މަތިވެރި މަޤާމެކެވެ.
މާތްﷲ އާލް އިމްރާން ސޫރަތުގެ 33 ވަަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ."
ﷲ ތަޢާލާ އާދަމްގެފާނާއި ނޫހުގެފާނު ޚިޔާރުކުރެއްވީ ވަކިވަކިންނެވެ. ނަމަވެސް މާތްﷲ އިޚްތިޔާރުކުރެއްވީ އިބްރާހީމްގެފާނާއި އިމްރާންގެ އާއިލާއެވެ.
އާލް އިމްރާން ސޫރަތުގެ 34 ވަނަ އާޔަތުގައިވެއެވެ.
﴿٣٤﴾ ذُرِّيَّةً بَعْضُهَا مِن بَعْضٍ ۗ وَاللَّهُ سَمِيعٌ عَلِيمٌ
މާނަ: "އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔެއްގެ ކިބައިން އައިސްފައިވާ ދަރިފަސްކޮޅެކެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އިމްރާންގެ އާއިލާއަކީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ބައެކެވެ. އަދި އިބްރާހީމްގެފާނުގެ އާއިލާއަކީ ނޫހުގެފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ އާއިލާއެކެވެ. އަދި ނޫހުގެފާނުގެ އާއިލާއަކީ އާދަމްގެފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ އާއިލާއެކެވެ.
މާތްﷲ އާލް އިމްރާން ސޫރަތުގެ 42 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ."
އިސްލާމްދީނުގައި އެންމެ މާތް ކުރެއްވިފައިވާ ފަސް ރަސޫލުންގެ ތެރޭގައި އީސާ ޢަލައިހިއްސަލާމް ހިމެނިވަޑައިގަންނަވައެވެ. އީސާގެފާނުގެ ފުރިހަމަ ނަންފުޅަކީ އީސާ އިބްނު މަރްޔަމް އެވެ. މާނައަކީ، އީސާ، މަރްޔަމްގެފާނުގެ ދަރިކަލުންނެވެ.
މަރްޔަމްގެފާނަކީ ޚާއްސަ، މާތް ކުރައްވާފައިވާ ބޭކަނބަލެއްކަން އެނގިވަޑައިގަތީ ޒަކަރިއްޔާގެފާނަށެވެ.
ކީރިތި ޤުރުޢާނުގައި އާލް އިމްރާން ސޫރަތުގެ 37 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ."
މަލާއިކަތުން މަރްޔަމްގެފާނަށް ދެންނެވިކަމަށް ކީރިތި ޤުރުއާނުގައި އާލް އިމްރާނު ސޫރަތުގެ 42 ވަނަ އަދި 43 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ."
"އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި، ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ!"
ކީރިތި ޤުރުޢާނުގައި މަރްޔަމްގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.
މަރިޔަމް ސޫރަތުގެ 16 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އަދި ކަލޭގެފާނު މި ފޮތުން مريم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ أهل ވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަަކަށް ވަޑައިގަތްހިނދެވެ. ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ وحى ގެ ملائكة އާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ ملائكة އާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ."
"އެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ."
"އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ."
"އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ."
"ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ."
މަރްޔަމްގެފާނު އާލާސްވެ އިންނެވި ވަގުތުގައި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ކީރިތި ޤުރުޢާނުގައި ބަޔާންކުރައްވާފައިނުވެއެވެ. ނަމަވެސް އެކަމަނާގެ އާލަސްކަންފުޅުގެ ދުވަސްވަރުގައި އިންނެވީ ގިނިކަންޏާކަން ޤުރުޢާނުގައި ބަޔާންކުރައްވާފައިވެއެވެ.
މަރިޔަމް ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!"
"ދެން އެކަމަނާ (އޮންނެވިތަނުގެ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ."
އަދި އެ ސޫރަތުގެ 25 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ."
މިއީ އެކަމަނާއަށް މާތްﷲގެ އަރިހުން ލެއްވި ކަރާމާތްކަމަށްވެއެވެ. ކަރާމާތަކީ މާތްﷲގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އެންގެވި މަގުން އުޅުމުގެ ސަބަބުން އެކަލާނގެއާއި ގާތްކަން ލިބިފައިވާ މާތްﷲ ވަލީވެރިންގެ ކިބައިން އެކަލާނގެ ފާޅުކުރައްވާ އާދަޔާ ޚިލާފު ކަންކަމެވެ.
މަރްޔަމްގެފާނުގެ އާއިލާ މީހުންގެ ގާތަށް އީސާގެފާނު ގެންދިޔަ ހިނދު އެބައި މީހުން އެކަމަނާއަށް ސުވާލުތައް ކުރިއެވެ. އެވަގުތުގައި އެކަމަނާގެ ހައްގުގައި ވާހަކަ ދެއްކެވީ އެކަމަނާގެ އުރުގައި އިންނެވި ކުޑަ ދަރިކަލުން އީސާ އަލައިހިއްސަލާމްއެވެ.
ކީރިތި ޤުރުއާނުގައި މަރިޔަމް ސޫރަތުގެ 26 ވަަނަ އާޔަތުން ފެށިގެން 33 ވަނަ އާޔަތާ ހަމައަށް މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ."
"ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ."
"އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ."
"ފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟"
"އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ."
"އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ."
"އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާއަކީ އަބާއްޖަވެރި، جبّـار އަކު ކަމުގައި ނުލައްވަތެވެ."
"މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ."
އީސާ އަލައިހިއްސަލާމް އެކަލޭގެފާނުގެ މަންމާފުޅުގެ ބޮލުގައި އެޅުވި ޒިނޭގެ ތުހުމަތުން އެކަމަނާ ދިފާއުކޮށްދެވިއެވެ.
މަރްޔަމް ސޫރަތުގައި ވިދިގެން އައި އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އެއީ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ. (މިއީ) އެއުރެން އެބަސްފުޅާމެދު شك ކުރާ، حق ތެދުބަސްފުޅެވެ."