އެންޓާރިކާ އާއި ގްރީންލޭންޑްގައި ހުރި ގަނޑުފެންގަނޑުތައް ކުރިއަށްވުރެ ބާރު ދުވެއްޔެއްގައި ވިރެން ފެށުމުގެ ސަބަބުން، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހީނުކުރާހާ ބޮޑަށް އުފުލިގެންދާނެކަމަށް ސައިންޓިސްޓުން ބުނެފިއެވެ.

މީގެ ކުރިންވަނީ 2100 ވަނަ އަހަރާއި ހަމައަށް ގާތްގަނޑަކަށް މީޓަރެއްގެ އުސްމިނަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ. ނަމަވެސް ދާދި ފަހުން ކުރެވުނު ދިރާސާތަކުން ބުނަނީ ހަގީގަތުގައި ލޮނުގަނޑުގެ އުސްމިބް މީޓަރެއްގެ ވެސް ދެގުނައަށް އަރައިގެން އައިސްފާނެކަމަށެވެ.

މިކަމުގެ ސަބަބުން އެތައް މިލިއަން މީހުންގެ ދިރިއުޅުން އެހެން ހިސާބުތަކަށް ބަދަލުކުރަން ޖެހިދާނެކަމަށް ސައިންސްވެރިން ބުނެއެވެ. 

ކުރިން ކުރެވުނު ދިރާސާތަކުން ބުނީ ދުނިޔެއަށް ކެނޑިނޭޅި ހޫނުވުމުގެ ސަބަބުންނާއި، ވައިގެ ތެރެއަށް ބޭރުކުރާ ނުރައްކާތެރި ވިހަގަދަ ގޭސްތައް މަދުނުކުރެވޭތީ 2100 ވަނަ އަހަރާ ހަމައަށް ކަނޑުގެ ލޮނުގަނޑު 52 ސެންޓިމީޓަރާއި 98 ސެންޓިމީޓަރާއި ދެމެދުގެ އަދަދަކަށް އުފުލިގެން އަންނާނެކަމަށެވެ.

ގްރީންލޭންޑާއި އެންޓާޓިކާގެ ހުޅަނގާއި އިރުމައްޗާ ދިމާލަށް ހުންނަ ހިސާބުތަކަށް މިހާރު އަންނަމުންދާ ބަދަލުތަކުގެ އަލީގައި ތަޖުރިބާކާރުންނާއި ކަމާބެހޭ މާހިރުން ބުނަނީ 2100 ވަނަ އަހަރާއި ހަމައަށް ކަނޑުގެ ލޮނުގަނޑު 62 ސެންޓިމީޓަރާއި 238 ސެންޓިމީޓަރާއި ދެމެދުގެ އަދަދަކަށް އުފުލިގެން އަންނާނެކަމަށެވެ. މިފަދައިން ދިމާވާނީ 5ޑިގްރީ ސެލްސިއަސްއަށް ހޫނު މިން މައްޗަށް އެރުމުން ކަމަށްވެއެވެ. މިއީ ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތުގައި ނަތީޖާ ނިކުންނާނެ ގޮތްކަމަށްވެއެވެ.

ސައިންސްވެރިން ބުނިގޮތުން ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި މީހުން ދިރިއުޅެން ދަތިވެގެންދާނެކަމަށާއި ބައެއް ބޮޑެތި ސިޓީތައް ކަމަށްވާ، ލަންޑަން، ނިއު ޔޯކް އަދި ޝެންގާއީ އަށްވެސް ނުރައްކާ ފޯރާނެކަމަށް ވެއެވެ.

ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *