އިންޑިއާގެ ޖީއެމްއާރް ކުންފުނިން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ޓެކްސްގެ ގޮތުގައި ނުދައްކައި ހުރި ފައިސާތަކުގެ މައްސަލައިގައި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދިނުމަށް މިވަގުތު އިދިކޮޅުގައި އޮތް މައި ދެ ޕާޓީ، ޕީޕީއެމްއާއި ޕީއެންސީއިން ގޮވާލައިފިއެވެ.
ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ނިޙާން ހުސެން މަނިކު ވިދާޅުވީ، 2016 ވަމަ އަހަރުގެ ތެރޭގައި އާބިޓްރޭޝަންގައި ޖީއެމްއާރަށް ދައުލަތުން ދައްކަން ޖެހުނު ފައިސާ ދައްކާފައިވާ ކަމަށާއި މިހާރު ދެން އޮތީ ޖީއެމްއާރުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ.
"ޖީއެމްއާރަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ދިޔަ ކުންފުންޏެއް. އެހެންކަމުން ޖީއެމްއާރްއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތީރިޓީއަށް ޓެކްސް ދައްކަން ޖެހޭނެ. އެއީ އެއީ 20 މިލިއަން ޑޮލަރުކަން އެނގެން އޮބައެތް" ނިޙާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވި ގޮތުގައި ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހެނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ގޮތުގައި ދައްކަން ޖެހޭ 14.4 މިލިއަން ޑޮލަރަކާއި އިމްޕޯޓެޑް ޓެކްސް ގެ ގޮތުގައި ދައްކަން ޖެހޭ 2.8 މިލިއަން ޑޮލަރަކާއި އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 2.3 މިލިއަން ޑޮލަރެވެ.
ނިހާން އިތުރަށް ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާފުޅަށް ޖީއެމްއާރުން މީރާއަށް ދައްކަން ޖެހޭ ފައިސާ މާފުކޮށްދީފައިވާ ކަމުގެ އަޑުތަކެއް ފެތުރުފައިވާ ކަމަށާއި އެހެންކަމުން އެކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"ޖީއެމްއާރްގެ އިސް ބޭފުޅެއް ބަންޑާރަ ނައިބުގެ އޮފީހަށް ވަޑައިގެން ފަހުން މި މައްސަލައެއް ފެންމަތިވެގެން މިއުޅެނީ" ނިހާން ވިދާޅުވިއެވެ.
މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ނިންމުންތަކާ މެދު ރައްޔިތުން ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ދީބާޖާ އިންވެސްޓްމެންޓުން 348 މިލިއަން ރުފިޔާ، ދައުލަތުން ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ރިފްއަތު ހުށަހެޅުއްވި ކަމަށް ކުރާ ތުހުމަމަތުގެ ވާހަކަ ނިހާން ވިދާޅުވިއެވެ.