ކ.ދިއްފުށީގައި ރައްޔިތުން ނިކުމެ ހިންގަމުންގެންދާ ހަމަނުޖެހުންތަކުގައި ދެމީހަކަށް ވަޅިން ހަމަލާދީ ޒަހަމަކޮށްލައިފިއެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައްޔިތުން ހަމަނުޖެހުންތައް ހިންގީ އެރަށުގައި ވައްކަން ކުރާ ކުށްވެރިން ހައްޔަރުކޮށްގެން ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެރަށު ރައްޔިތުންގެ ވިސްނުން ހުރީ ރަށު މީހުން އަމިއްލައަށް ނިކުމެ ވައްކަމުގައި ބައިވެރިވި ކުށްވެރިންނަށް ހަމަލާ ދިނުމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާނެ ކަމަށް ބުނެ އެމީހުން އެރަށުން ގެންދިޔަ ނުދީ ހިފެހެއްޓިއެވެ.
އެރަށު ރައްޔިތުން ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ވަނީ ކ.ހިންމަފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންވެސް އެރަށަށް ގޮސްފައެވެ. ހަމަނުޖެހުން ރޫޅައިލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ވެސް ބޭނުންކޮށްފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ހަމަނުޖެހުންތަކުގައި ވަނީ ވަޅިން ހަމަލާ ދީ ދެމީހުން ޒަހަމު ކޮށްލާފައި ކަމަށެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިރޭ 19:30 ހާއިރު ކަމަށެވެ.
ވަޅިން ހަމަލާދީ ޒަހަމުކޮށްލި ދެމީހުންނަށް ވަނީ ދިއްފުށީ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އެދެމީހުންނަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައެވެ.