ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ މެންބަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ރައީސަކަށް ތާއީދު ކުރައްވަނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން، ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ.
ނަމަވެސް އަފީފް އާއި އެކު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށެވެ.
އަފީފްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.