މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮޅުމަޑުލު ކަނޑޫދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.
ކަނޑޫދޫގެ ކައުންސިލަރުންނާއި އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞޯލިހު ވަނީ އަސާސީ ބޭނުމެއް ކަމުގައިވާ ފެނާއި ނަރުދަމާގެ ހިދުމަތް ކަނޑޫދޫގައި ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފަށްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެރަށުގެ ކައުންސިލަރުންނަށް އަރުވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން ކަނޑޫދޫގައި ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ޚިދުމަތް ދޭނެ އައު އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފައްޓަވައިދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މެންބަރުން އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
