ގިނަ މީހުންގެ ކުރިމަތީގައި ލޯބިން އުޅޭ ދެމަފިރިން ނުވަތަ ދެބައިވެރިންނަކީވެސް އެންމެ އުފަލުގައި އޮމާން ދިރިއުޅުމެއް އުޅެމުންގެންދާ ދެމީހުންކަމަށް ނުވެދާނެއެވެ. ކޮންމެ ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމަށްވެސް ތަފާތު އެކި ކަހަލަގެ އިމްތިހާނުތައް ކުރިމަތިވާނެއެވެ. ލޯބީގެ ދޯންޏެއްގައި ދަތުރުކުރާ އެއްވެސް ބަޔަކަށް އަބަދު ވައިމަޑު އޮމާން ކަނޑުތަކާއި ދިމަލެއްނުވާނެއެވެ. އަދި ކިއެއްތަ؟ ގިނަ އަދަދެއްގެ ތޫފާނުތަކާއި ވައިބާރު ކަނޑުއޮޅިތަކުގައި ދަތުރުކުރަން ޖެހޭނެއެވެ.

ބައެއް ބައިވެރިންނަށް ކުރެވިފައި އޮންނަ ކުށް ހީއަކީ، މިފަދައިން ގިނައިން އަރާރުންވެ ދެބަސްވެ ތޮޅެން ޖެހޭނަމަ އެ މީހުންގެ ގުޅުން ބަލިކަށިވަމުންދިޔުމެވެ. ނަމަވެސް ކަން އޮތީ މިހެނެއް ނޫނެވެ. ގިނައިން ދެބަސްވުން އުފެދި، ކަންކަމާއި މެދު ބަހުސް ކުރުމަކީ ދެ ބައިވެރިންގެ ގުޅުމުގެ ދުޅަހެޔޮކަމާއި އެދެމީހުންގެ ދެމެދުގައި އޮންނަ ލޯބި ރަމްޒުކޮށްދޭ ކަމެއްކަމަށް ވަނީ ވެފައެވެ.

ގިނައިން ތޮޅުމަކީ އަޅާލާ ކަމުގެ ހެއްކެއް

ކޮންމެ މީހަކަށްވެސް އުނދަގުލެއް ދިމާވުމުން އެކަމާއި ވާހަކަ ނުދައްކާ ސިއްރުކުރަން ފަސޭހަވާނެކަން ޔަގީނެވެ. ނަމަވެސް މައްސަލައެއް ޖެހުމުން އެ މައްސަލަ ހައްލުކުރަން ބޭނުންވެ ޝަކުވާ ކުރާނީ ބައިވެރިއާއަށް އަޅާލައި، އެ ގުޅުން ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާތީކަން ޔަގީނެވެ.

ކުރިއަށް އޮތް މުސްތަޤުބަލުގައި ލޯބީގެ ގުޅުމަށް ހީނަރުކަމެއް އައުމަށް އޮތް ހުރިހާ ފުރުސަތެއް ނައްތާލަން ހަގީގީ ލޯބިވެރިން ބޭނުންވާނެއެވެ. އެގޮތުން ހިތްހަމަ ނުޖެހޭ ކަމެއް ފެނުމުން އެކަންތައް ފާހަގަކޮށް އެވާހަކަ ދައްކަން ބޭނުންވާނީވެސް ހަމަ މިފަދަ މީހުންނެވެ.

ދެ ބައިވެރިންގެ ދެމެދުގައި ރަނގަޅަށް މުއާސަލާތު ކުރުން

ހަރުދަނާ ގުޅުމެއް ބިނާކުރަން ބޭނުންނަމަ އެންމެ މުހިންމު އެއްކަމަކަށް ވާނީ އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެ، މުވާސަލާތުކުރުމެވެ. ކަންކަން ސިއްރުކޮށްގެން ނުވަތަ ވާހަކަނުދައްކައި ގުޅުމެއް ކުރިއަށް ގެންދަން ވަރަށް ދަތިވާނެއެވެ. އެކަކު އަނެކަކުގެ އަޑުއަހައި، އޭގެއަށް އެކަށީގެންވާ ޖަވާބުތައް ވިސްނުމަށްފަހު ޖަވާބު ދިނުމަކީ ކާމިޔާބު ގުޅުމެއްގެ ސިއްރުކަން ކަށަވަރެވެ. އަރާރުންވެ ދެބަސްވުމަކީވެސް މުވާސަލާތުކޮށް އެކަކު އަނެކަކުގެ ޚިޔާލުތަކާއި ޝަކުވާތައް އިއްވަން ލިބޭ ފުރުސަތެއްކަމުން ހަރުދަނާ ގުޅުމެއް ބިނާކުރުމުގައި މިކަންވެސް މުހިންމުކަން ދޭހަވެއެވެ.

ބައިވެރިއާގެ ހިތުގެ އުދާސްތައް ހާމަވެގެން ދިޔުން

ކަންކަން ސިއްރުކޮށްގެން ހިތުގައި އަޅައިގެން އުޅުމަކީ އަޑިއަޑިން އިތުރު ފިތުނަތަކާއި މައްސަލަތައް ކުރިމަތި ވާކަމެކެވެ. އެހެންކަމުން އަރާރުންވެ ޒުވާބުކުރުމުގެ ތެރެއިން ނަމަވެސް ހިތުގައި އޮތް އެއްޗެއް ބައިވެރިއާއަށް އަންގައި، އެ ކަމެއް ހާމަކުރަން އެބަޖެހެއެވެ. ދާއިމަށް ދެމިގެންދާ ހަރުދަނާ ގުޅުމެއް ބިނާކުރެވޭނީ ޝަކުވާތައް ކޮށް، ޖެހޭ މައްސަލަތައް ހައްލުކުރަން ވާހަކަދައްކައިގެންނެވެ. އެކަކުގެ ހިތުގައި އޮންނަ އެއްޗެއް އަނެކަކަށް ނާންގައި ސިއްރުކުރަން ހަދައިގެން ކަންކަން ދާނީ ގޯހުން ގޯހަށެވެ.

ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވުން

ރަނގަޅަށް ވާހަކަދެކެވި، މުވާސަލާތު ކުރާ ދެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިވާނެއެވެ. ރަނގަޅަށް މުވާސަލާތު ނުކުރާ ދެބައިވެރިންގެ މެދުގައި އިތުބާރެއް ނޯންނާނެއެވެ. އެކަކު އަނެކަކަށް ޝައްކު ކުރުމާއި ކަންކަން އޮންނާނެއެވެ. އެއަށްވުރެ ރަނގަޅުވާނީ އަރާރުންވެ ދެބަސްވުމުގެ ތެރެއިން ނަމަވެސް ހިތުގެ އުދާސްތައް ބޭރުކުރުމެވެ. ދެބައިވެރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވާނީވެސް އޭރުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *