ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މަސައްކަތްކުރާ 148 މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، އެ މުވައްޒަފުންގެ ތެރޭގައި އަމިއްލަ އަށް އިސްތިއުފާ ދިން މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.
ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ ސެކިއުރިޓީންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަހައްޓަން ނެގި މުވައްޒަފުންނެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެ ކުންފުންޏަށް 150 މުވައްޒަފުން ވައްދާފައިވެއެވެ. އެމީހުންގެ މުސާރަ އެވްރެޖްކޮށް 8،000 ރުފިޔާގައި އުޅޭއިރު، މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތަކަށް އެޗްޑީސީން މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާ ކަމަށް، އޭރު އަޑު ފެތުރުނެވެ.
އެޗްޑީސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަރުކާރުގެ ކުންފުންޏެވެ. އެގޮތުން މުޅި ހުޅުމާލޭގައި ރައީސް ޔާމީންގެ ކެމްޕޭންގެ ދިދަތައް ދެމުމާއި، ކެމްޕޭންގައި އުޅުނު މީހުންގެ ކެއިންބުއިމުގެ ހަރަދުތަކަށް ވެސް ބޮޑު ހޭދައެއް އެޗްޑީސީން ކުރި ކަމަށް، އަޑު ފެތުރުނެވެ. އެގޮތުން ލަފާކުރި ގޮތުގައި ކެމްޕޭނަށް އެޗުޑީސީން 30 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެެއެވެ.
އެޗްޑީސީގެ ތެރެއިން ކޮށްފައިވާ ހަރަދުތައް ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނީ ވަކިކުރި މުވައްޒަފުން ވަކިކުރީ ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ނޯޓިސް ދިނުމަށް ފަހުގައި ކަމަށެވެ.