އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނެއްގައި ށ.ފޭދޫއިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއް ބަލައި ފާސްކޮށް އެއްވެސް ދިވެއްސެއް ނެތުމުން ހިފަހައްޓައިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓް ގާޑު ސްކުއަޑްރަން އިން ވެސެލްސް ތަކުގެ މޫވްމެންޓް ބަލައި ޗެކް ކުރުމުގެ ތެރެއިން ށ.ފޭދޫއިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއް ބަލައި ފާސްކުރި ކުރުމުގެ ތެރެއިން، އެ ދޯނީގައި އެއްވެސް ދިވެއްސެއް ނެތި، ހުސް ބިދޭސީން ތިބެގެން ދަތުރުކުރަމުން ދިޔަ ކަން ފާހަގަވިކަމަށެވެ.
އަދި އެ ދޯނީގައި އެއްވެސް ނަމެއް ނެތް ކަމަށާއި، އެ ދޯނީގައި ތިބި އެއްވެސް ބިދޭސީއަކަށް އެ ދޯނީގެ ނަން ނޭނގޭ ކަމަށެވެ. އަދި ދޯނީގައި ކަނޑުއުޅަނދު ފަހަރު ދުއްވުމާއި ގުޅޭ އެއްވެސް ލިޔެކިއުމެއް ވެސް ނެތް ކަމަށާއި، އެ ދޯނީގައި ތިބި އެއްވެސް ބިދޭސީ އެއް އަތުގައި ވޯކް ޕާމިޓެއްވެސް ނެތް ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އެ ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމަށާއި، އެ ދޯނީގައި ތިބީ ދެ ބިދޭސީން ކަމަށާއި މިހާރު އެ ދެމީހުންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ ދޯނި މިހާރު އޮތީ ފޭދޫ ބަނދަރުގައެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.