ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާއި ބެހޭ ގަވައިދަށް މި ހިނގާ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ނިންމައިފިއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާއި ބެހޭ ގަވައިދު ގެޒެޓް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވެހެވެ.
އެގަވައިދުގައި ބުނާގޮތުން، މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން، ވަކި ވަކިން ސިނގްރޭޓް ވިއްކުން މަނާ ވާނެއެވެ. އެގޮތުން، ރާއްޖޭގައި އުފައްދާ، ރާއްޖޭގައި ބަންދުކުރާ، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ، ދުންފަތާއި ދުންފަތް ހިމެނޭ އެއްވެސް ބާވަތްތައް ބަންދުކޮށްފައި ހުންނަންވާނީ އަދި ވިއްކަންވާނީ، އެ ގަވައިދުގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމަށެވެ. އެއީ ސިނގްރޭޓް ވިއްކޭނީ މަދުވެގެން 20 ސިގްރޭޓް ހިމެނޭ ފޮށި ކަމަށާއި އަދި ބިޑި ނަމަ މަދުވެގެން 50 ބިޑި ހިމެނޭ ފޮށި ކަމަށެވެ.
މީގެއިތުރުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގައި އުފައްދާ، ރާއްޖޭގައި ބަންދުކުރާ، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ، ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައިހުންނަ ޕެކެޓާއި ކާޓޫނުގެ ބޭރުގައި، މިނިސްޓްރީ އޮފް ހެލްތުން އާއްމުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ލާޒިމް ވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.
ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހެލުތުން އާއްމުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ޖަހާފައިނުވާ ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމަކީ މަނާ ކަމެއް ކަމަށްވެސް އެގަވައިދުގައި ބުނެފައިވެއެވެ.
އަދި އެ ގަވައިދާއި ހިލާފުވާ މީހުންނާއި ދޭތެރޭ، ގަވައިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން އެގަވައިދާއި ހިލާފުވެއްޖެނަމަ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމުލަ އަދަދު 10 ގުނައިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އެކުށް ތަކުރާރު ކުރާނަމަ ދެވަނަ ފަހަރު ފަސްހާސް ރުފިޔާއިން، ތިންވަނަ ފަހަރު ދިހަހާސް ރުފިޔާއިން، ހަތަރުވަނަ ފަހަރު ވިހިހާސް ރުފިޔާއިން އަދި ފަސްވަނަ ފަހަރު ގާނޫނުގައި ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެމަތީ އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.