ދައުލަތުގެ ބަޖެޓް ތައްޔާރުކުރުން ހަރުދަނާ ކުރުމުގެ ގޮތުން އާ ސޮފްޓްވެއާއެއް ތައާރަފްކޮށް، ސަރުކާރުގެ އިދާރާތަކުން ބަޖެޓު އެކުލަވާލުމުގައި އަމަލުކުރަންޖެހޭނެ ގޮތް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
މި ބަދަލާ އެކު ކޮންމެ އޮފީހަކުން ވެސް ބަޖެޓް ހުށަހެޅުމާއި ގެންނަ ބަދަލުތަކަށް ރިކުއެސްޓް ކުރުމަށްޓަކައި ބަނޑޭރި ފޯޓަލްގެ ބަދަލުގައި ބޭނުން ކުރާނީ ބީޕީސީ ސިސްޓަމް ލައިވް އެވެ. މި ސިސްޓަމުން ބަޖެޓް ކޯޑުތަކުގެ ބާކީ ބަލަހައްޓާނީ މުސާރަ އާއި އިނާއަތްތަކާއި ޕެންޝަނަށް ކަނޑައަޅާ ކޯޑުތަކުގެ ބާކީ ބަލާނީ ދައުލަތުގެ ޗާޓް އޮފް އެކައުންޓްސް ޖެނެރަލް ލެޖާގައި ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓް މެނޭޖުކުރުން ހަރުދަނާ ކުރުމުގެ ގޮތުން ބިޒްނަސް ޕްލޭނިން އެންޑް ކޮންސޮލިޑޭޝަން (ބީޕީސީ) ސޮފްޓްވެއާ ބޭނުންކޮށްގެން ހިސާބުތައް ބަލަހައްޓަން ބޭނުންކުރާ އެކައުންޓިން ސޮފްޓްވެއާ ކަމުގައިވާ އެސްއޭޕީ އާއި އިންޓަގްރޭޓްކޮށް ބީޕީސީ ސިސްޓަމް ލައިވްކޮށް، މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ބީޕީސީ ސިސްޓަމް ބޭނުން ކުރަން ފެށުމާ އެކު ބަޖެޓާ ގުޅޭ ކަންކަމުގައި އަމަލު ކުރާ އުސޫލަށް ބަދަލުތައް އައިސްފައިވާ އިރު ދައުލަތުގެ އޮފީސްތަކުން ބަޖެޓް ތައްޔާރު ކުރުމުގައި ކޮންމެ އަހަރެއްގެ ކޭޝްފްލޯ އަންދާޒާ ކުރުމުގައި އަމަލު ކުރާ އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ސިސްޓަމަށް އެކްސެސް ނުވާ އިދާރާތަކުން ބީޕީސީ ސިސްޓަމުން ކުރަންޖެހޭ ބަޖެޓާ ގުޅޭ ކަންކަން ބަލަހައްޓާނީ އެ އިދާރާއެއްގެ މަސްއޫލުވެ ޒިންމާވާ އޮފީހުން ކަމަށް ފިނޭންސުން ބުނެ އެވެ. މިސާލަކަށް ކައުންސިލްތަކުން މި ސިސްޓަމަށް ބޭނުންވާ މައުލޫމާތުތައް ފޮނުވަންޖެހޭނީ ލޯކަލް ގަވާންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންނެވެ.
މީގެ އިތުރުން އަހަރުގެ އެކި މަސް މަހުގައި ކޭޝްފްލޯ އަންޒާދާ ކުރާގޮތަށް ކަނޑައެޅިފައިވާ ބަޖެޓް ބަހާލައިގެން އަދަދުތައް ކަނޑައެޅުމުގެ ފުރުސަތު ސަރުކާރު އޮފީސްތަކަށް ލިބޭނެ އެވެ.