މީހަކު ކުރާ ކުށެއްގެ ސަބަބުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވެފައި ހުންނަން ޖެހުމަކީ އުނގެނުމާއި ކިޔެވުމުން މަހުރޫމްވާންޖެހޭ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ފަށްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުރެވޭ ކުށެއްގެ ސަބަބުން ޖަލުގައި ހޭދަކުރަންޖެހޭ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް ދެވިއްޖެނަމަ އުނގެނުމާއި ދަސްކުރުމަސް މުހިންމު ފުރުޞަތަކަށް ވެގެންދާނެ ކަމަށެވެ.
އެ ގޮތުން މި ސަރުކާރު އެއް އަމާޒަކީ ޖަލުތަކުގެ ގައި ތިބޭ ގައިދީންނާއި އެ ޖަލުތަަކުގެ ވެރިންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުން ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިިއެވެ.
"އާދެ އަޅުގަނޑުމެން އެކަމާ ޙަވާލުވެގެން ތިބޭ މީހުންގެ ވިސްނުމަށް ހެޔޮބަދަލު އައުން ޖަލުތަކުގައި ބަންދުކުރެވޭ ގައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުގެނައުން. ހެޔޮބަދަލު ގެންނަން ފެށޭ ހިސާބަކީ އިތުރު މަޢުލޫމާތާއި ޢިލްމު ލިބިގަތުން. މަޢުލޫމާތާއި ޢިލްމު ލިބިގަތުމުގެ އެންމެ މުހިންމު ވަޞީލަތަކީ ފޮތް ކިޔުން." މިނިސްޓަރ ވިދާޅުވިއެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމު އަމީނިއްޔާ ސްކޫލުގައި ވަނީ ހަމަޖައްސާފައެވެ.