މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވީ، ސައިކަލް ދުއްވަން އިން އުމުރުން 25 އަހަރުގެ ނަދީމް މުސާއަށެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
އައިޖީއެމްއެޗުން ބުނީ ނަދީމް މިހާރު ހޭއަރާފައިވާ ކަމަށާއި، އަދި ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބުނީ އޭނާގެ މެގްޒިލޯ ފޭޝަލް އަދި ކަށީގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި މިވަގުތު އޭނާ އޮތީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.
އެ އެކްސިޑެންޓްގައި ވަނީ އޭނާގެ ބޯފަޅައިގެން ގޮސް، ވާތު ފައިވެސް ބިންދައިގެން ގޮސްފައެވެ.