ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ސިޔާސީ ފަރާތްތަކާއި އާންމުންވެސް ތަފާތު އެކި ވާހަކަތައް މީގެ ކުރިންވެސް ދައްކާފައިވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް ވަނީ އެފަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަމަލު ކުރައްވާފައިވާ ގޮތާއި ބެހޭގޮތުން ވާހަަކަ ދައްކާފައެެވެ.
އެގޮތުން އިލެކްޝަންސްގެ މެމްބަރު އަހުމަދު އަކުރަމްވެސް މިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މީގެ ކުރިން ނުދައްކާހުރި ވާހަކަތަކެއް ތިލަކޮށްލާފައެވެ.
ރާއްޖެޓީވެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ މިހާތަނަށް އެބޭފުޅާގެ ހަޔާތުގައި އައި އެންމެ އަދިރި އަދި ބިރުވެރި ދުވަސް ކަމަށެވެ.
އެބޭފުޅާ ފާޙަގަކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އީސީ މެންބަރުން ކޮޓަރިއެއް ތެރޭގައި ހަތަރު ދުވަހު ތިބެން ޖެހެނުކަމަށާއި، އެ ގޮތުން އޭރު އީސީގެ ބައެއް މެމްބަރުން "ހައިޖެކް"ކޮށްގެންވެސް ގެންގޮސްފައިވާ ކަަމަށެވެ.
އެގޮތުން އީސީގެ މުވައްޒަފުންނަށް ހެދިގެން އުޅުނު ބަޔަކު އެ ކޮމިޝަންގެ މުވައްޒަފުންތަކަކަށް ގުޅައި، ވަކިން ކާރަކަށް އަރުވައިގެން ގެންގޮސް ބިރު ދައްކައި ބަޔާން ނަގާފައިވާކަން އަކުރަމް ފާހަގަކުރެއްވިއެވެ.
އަދި ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން ބަޔާން ނަގަން މަސައްކަތް ކުރި ކަމަށާއި، މީގެ އިތުރުން ވެސް އީސީގެ މުވައްޒަފަކަށް ވަޅިން ބިރުދައްކާފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވި ގޮތުގައި އޭރު މި ވާހަކަތައް ހިއްސާ ނުކުރެއްވީ ރައްޔިތުންނަށް އިތުރު ހިތް ނުތަނަވަސްކަމެއް ދޭން ބޭނުން ނުވާތީ ކަމަށެވެ.
އަދި އެ ނުތަނަވަސްކަމާއި އެކުވެސް ރައްޔިތުން ދެއްވި ވޯޓު ރައްޔިތުންނާއި ހިސާބަށް ގެނެސްދެވުނީ އީސީގެ ފަސް މެމްބަރުން އެކައްޗެއް ކިޔައި އެއްކޮށް މަސައްކަތް ކުރުމުން ކަަމަށް އަކުރަމަ ފާހަގަކުރެއްވިއެވެ.
"ރައްޔިތޔުންގެ ވޯޓު ރައްޔިތުން ވޯޓު ލި ގޮތަށް ގެނެސްދެވުނީ އީސީގެ ފަސް މެމްބަރުން އެކައްޗެއް ކިޔައި އަޅުގަނޑުމެންނާއި އެކު އަޅުގަނޑުމެންގެ މުވައްޒަފުން ތިބީތީ ރައްޔިތުންގެ ވޯޓަށް ބަދަލެއް ނުގެނެސް އެ ގޮތަށް ވޯޓު ގެނެވުނީ" އަކުރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އިންތިޚާބެއް ނިމިގެން ދިޔައިރު، ފުލުހުން ސެކިއުރިޓީ ދިން ކަމަށާއި ނަމަވެސް އެ ލެވެލްއަށް ސެކިއުރިޓީ ނުބަލަހައްޓާ ކަމަށެވެ. ސިފައިންގެ ހަށިފާރަވެރިންގެ ރައްކާތެރިކަން ވެސް އިންތިހާބުގައި ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.