އއ.އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށްވަނީ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދީފައެވެ. އޭގެތެރެއިން އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް 7 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ހިލޭ އެހީއެއް ވަނީ ދިވެހި ސަރުކާރަށް ދީފައެވެ.
ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ދިވެހި ރުފިޔާ ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރޗްމަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރި ރަސްމީ ދަތުރުފުޅުގައެވެ.
އުކުޅަހުގައި ގާއިމުކުރާ ކޮންވެންޝަން ސެންޓަރުގެ މަޤްސަދަކީ، އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމަށެވެ. އަދި މީގެ އިތުރުން އެ ކޮންވެސްޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންވަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށެވެ.