ފުލުހުންނާއި ސިފައިން ގުޅިގެން ހަތިޔާރާއި އެކު ރޭ ފަށާފައިވާ ހާއްސަ ތަމްރީންތަކާއި ބެހޭ ގޮތުން އިތުބާރު ނެތް މަސްދަރުތަކުން ލިބޭ މައުލޫމާތު އާންމު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ރޭ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިފައިންނާއި ފުލުހުން ފެށި ތަމްރީނަކީ އެއްވެސް އިންޒާރެއް ލިބިގެން ފެށި ތަމްރީނުތަކެއް ނޫންކަމަށެވެ.
އިއްޔަ އިރުއޮއްސުނު ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނެއް މާލޭގައި ފެށި ތަމްރީނުތައް ތިން ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު އެ ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި، ބަލައި ފާސްކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ.
ފުލުހުން ބުނީ އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ، ތެދު ނޫން މައުލޫމާތު ސޯޝަލް މީޑިއާގައި ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ
މީގެ އިތުރުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ ފުލުހަށް ނޫނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރިޕޯޓް ކުރުމަށް އެދޭކަމަށެވެ.