ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަނދެ އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ، ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާއަށް އަނިޔާ ކުރި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި، ނަމަވެސް އެމީހުން ހައްޔަރު ނުކުރާކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށެވެ. ލަސްތަކެއްނުވެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރަހުމުކުޑަ ގޮތަކަށް އަންހެން މީހާ ބަނދެފައި ހުއްޓައި ފެނިގެން، ވާގަނޑު މޮހާލީ، އެ މަންޒަރު ފެނުނު ފޭދޫގެ ބައެކެވެ. އޭނާ ބަނދެފައި ހުރި މަންޒަރުގެ ފޮޓޯ ވަނީ މީސް މީޑިއާގައި އާއްމުވެފަ އެވެ.
އަނިޔާކުރި އަންހެން މީހާ މިހާރު ވަނީ އޭނާގެ 21 އަހަރުގެ އަންހެން ދަރިއަކާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނާގެ ދަރިފުޅަކީ ވެސް ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ.
މި މައްސަލައާއި ގުޅިގެން މިނިސްޓަރ ޝީދާތާ ވިދާޅުވެފައި ވަނީ ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ ގޮތަކަށް އަނިޔާތަކެއް ލިބި ރިޕޯޓް ލިބުމާ އެކު އެ އަންހެން މީހާ އަށް ބޭނުންވާ ރައްކާތެރިކަން ސަރުކާރުން ފޯރުކޮށް ދީފައިވާ ކަމަށެވެ. އަދި އެ އަމަލް ހިންގި މީހުން ހޯދާ ދައުލަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.