ނޫހު އަލައިހިއްސަލާމްގެ މީހުންނަށް ފަހުގައި ކީރިތި ޤުރުޢާނުގައި އައިސްފައިވަނީ އާދުބާގައިގެ މީހުންގެ ވާހަކައެވެ. އާދުބާގައިގެ މީހުންނަކީ އަރަބިންގެ އަސްލުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެބައިމީހުން ވީ އާރާއި ބާރުގެ ގޮތުން ކުރިއަރާފައިވާ ބަޔަކަށެވެ. މާލީ ފުއްދުންތެރިކަންހުރި، ހަށިގަނޑު ބިޔަ ރީތި ބަޔަކަށެވެ. މި ބާގައިގެ މީހުން ދިރިއުޅުނީ ޔަމަނާއި އޮމާންގެ ދެމެދުގެ ހިސާބެއްގައި ކަމަށްވެއެވެ.
އާދުބާގައިގެ މީހުން އެތަނުގައި ވަޒަންވެރިވެ އުޅުން އިރު އެތަނުގައި ފެން ހިނގާ އާރުތަކާއި ވަޅުތައް ހުންނަކަމަށްވެއެވެ. އަދި އެރަށަކީ ފެހިކަންގަދަ ތާޒާކަން އެކުލެވޭ ރީތި ރަށެއްކަމަށްވެސް ވެއެވެ. އެރަށުގައި ހެދޭ ޚާއްސަ ގަހެއްގައި އަޅާ މޭވާތަކަކީ އެރަށުގެ މީހުންގެ އެންމެ އަގުހުރި މުދާ ކަމަށް ވެއެވެ.
އެބައިމީހުންގެ ޒަމާނުގައި އެންމެ މަޝްހޫރު އަދި ނަސަބުގެ ގޮތުން އަރައިގެން އައި މީހުންނެވެ. އަދި އެއަށްފަހު އެބައިމީހުން ނެތި ދިޔުމަށްފަހުވެސް އެބައިމީހުންނަށް ފޮނުއްވެވި ގަދަފަދަ އަޛާބުގެ ވާހަކައިން އެބައިމީހުންގެ ނަން ވަނީ މަޝްހޫރުވެފައެވެ. އަރަބިންގެ ޅެންތަކުގައި އަދި ގަދީމީ ފޮތްތަކުގައި އާދުބާގައިގެ މީހުންގެ ވާހަކަވެއެވެ.
އާދުބާގައިގެ މީހުންގެ ޖާނުންވަރުގަދަކަމާއި ބާރުގަދަކަމުގެ ސަބަބުންނާއި އެބައިމީހުން ހިލައިން ގެދޮރުބިނާކޮށް އުޅުމުގައި އަރައިތިބުމުގެ ސަބަބުން ގިނަބައެއްގެ ތެރޭގައި އާދު ބާގައިގެ ނަން މަޝްހޫރުވެގެން ދިޔައެވެ. އުސް ތަނބުތަކާއި ވަރުގަދަ ހިލަތައް ބޭނުންކޮށްގެން ގަނޑުވަރުތަކާއި ފައްޅިތައް އެބައިމީހުން ބިނާކޮށްއުޅުންކަމަށްވެއެވެ.
އެބައިމީހުންނަށް މި ބާރުތައް ލިބިފައި ވީރު އެބައިމީހުން ވީ ބޮޑާވެ ކިބުރުވެރިވި މީހުންގެ ތެރޭގައެވެ. އަދި އެބައިމީހުންނަށް ދެއްވި ނިޢުމަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދިޔައެވެ.
ކީރިތި ޤުރުޢާނުގައި ފުއްޞިލަތު ސޫރަތުގެ 15ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ."
މާތްﷲ އާދުބާގައިގެ މީހުންގެ ގާތަށް އެބައިމީހުންގެ ތެރެއިން ބޭކަލަކު އަޚްތިޔާރުކުރައްވައި ރަސޫލަކު ފޮނުއްވެވިއެވެ. އެއީ ހޫދު އަލައިހިއްސަލާމްއެވެ. އެހެން ނަބިއްޔުންނާއި ރަސޫލުންނެކޭ އެއްފަދައިން ހޫދުގެފާނުވެސް އާދު ބާގައަށް ފޮނުއްވުނީ ތެދުމަގު ލިބިގަނެ ﷲއަށް އަޅުކަން ކުރުމަށް ގޮވާއިލުމަށެވެ.
ކީރިތި ޤުރުޢާނުގެ ހޫދު ސޫރަތުގެ 50 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް، އެއުރެންގެ أخ هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެތެވެ."
އެކަލޭގެފާނުގެ ގޮވައިލުމަށް ފުރަގަސްދީ މަލާމާތްކޮށް ފުރައްސާރަކުރާ މީހުންގެ ތެރޭގައި އާދު ބާގައިގެ މީހުންވިއެވެ.
ކީރިތި ޤުރުޢާނުގެ އަލް ޢަޢްރާފް ސޫރަތުގެ 66 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެ ތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ."
ޖަވާބުގައި ހޫދުޢަލައިހިއްސަލާމް ވިދާޅުވިކަމަށް މާތްﷲ އެ ސޫރަތުގެ 67 އަދި 68 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ."
"އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانة ތެރި نصيحة ތެރިޔަކީމެވެ."
ހޫދުގެފާނު ތަކުރާރުކޮށް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ﷲގެ މަގަށް ރުޖޫއަވުމަށް ގޮވައިލެއްވިއެވެ.
ކީރިތި ޤުރުޢާނުގައި ޢަޢްރާފު ސޫރަތުގެ 69 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟ އަދި نوح ގެފާނުގެ قوم އަށްފަހުގައި، خليفة އިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."
ނޫހު އަލައިހިއްސަލާމްގެ ޒަމާނުގައި ފޮނުއްވުނު ތޫފާނުގެ ވާހަކަ އެނގިހުރެވެސް އާދުބާގައިގެ ބޮޑުން ތިބީ އެބައިމީހުންގެ ދީން ދޫކޮށްލުމަށް ފަސްނުޖެހޭ ހާލުގައެވެ.
ކީރިތި ޤުރުޢާނުގެ ހޫދު ސޫރަތުގެ 53 އަދި 54 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އެއުރެން ދެންނެވޫއެވެ. އޭ هود ގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ إله ންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާހުށީމެވެ."
"ތިމަންމެންގެ ބައެއް إله ން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން شريك ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް اللَّه ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ!"
އާދުބާގައިގެ މީހުން ހޫދުފާނަށް ފުރަގަސްދީ އެކަލޭގެފާނުގެ ބަސްފުޅުތައް ދޮގުކުރަމުންގެންދިޔައެވެ. ހޫދު އަލައިހިއްސަލާމް ވީ ކެތްތެރިންގެ ތެރޭގައެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ހިތްތަކުގައި އީމާންކަން ލެއްވުމަށްޓަކައި ތަކުރާރުކޮށް ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްކުރަމުން ގެންދެވިއެވެ. މާތްﷲގެ ކޯފާއަކަށް ބިރުވެތިވުމަށް އަންގަވާ ހާލުގައެވެ.
ހޫދު ސޫރަތުގެ 52 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް، ފާފަފުއްސެވުން އެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް توبة ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"
މާތްﷲ އައްޝުޢަރާ ސޫރަތުގެ 135 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."
އެބައިމީހުން ބޮޑާވެ ކިބުރުވެރިވެ، ﷲގެ ކޯފާއަށް ބިރުވެތިވުމުން ދުރުވިއެވެ.
ކީރިތި ޤުރުޢާނުގެ އައްޝުޢަރާ ސޫރަތުގެ 136 އިން ފެށިގެން 138ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު نصيحة ދެއްވިޔަސް، ނުވަތަ نصيحة ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ."
"މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ."
"އަދި عذاب ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ."
އާދުބާގައިގެ ތެރެއިން މަދު މީސްކޮޅަކު އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އިޖާބަ ދެއްވިކަމަށް ކީރިތި ޤުރުޢާނުގައި ހޫދު ސޫރަތުގެ 58 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
ހޫދުގެފާނުގެ ގައުމުގެ މީހުން ﷲގެ ވައުދުފުޅަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. ﷲ އެބައިމީހުންނަށް ފެނުގެ ތަދުމަޑުކަމެއް ޖެއްސެވިއެވެ. ﷲ ޠަޢާލާ އާދުބާގައިގެ މީހުންގެ ކިބައިން 3 އަހަރުގެ މުއްދަތެއްހާ ދުވަހު ވާރޭގެ ނިޢުމަތުން މަހުރޫމްކުރެއްވިކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ފެހި ގޮވާން ދަނޑުތަކާއި ތާޒާ ބިން މަރުވަމުން ދިޔައެވެ.
ހޫދުގެފާނު ދުޢާ ކުރައްވަމުން ގެންދެވީ ﷲގެ ކޯފާގެ ސަބަބުން އެކަލޭގެފާނުގެ ގައުމުގެ މީހުން ތައުބާވުމަށެވެ. ނަމަވެސް އެބައިމީހުން ބޮޑާވެ ފުރަގަސް ދިނުމުގައި ދެމިތިއްބެވެ.
ކީރިތި ޤުރުޢާނުގެ އަލް ޢަޢްރާފު ސޫރަތުގެ 70 ވަނަ އަދި 71 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާއިގައިވެއެވެ.
"އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّه އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ!"
"އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން عذاب އަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟ އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއް ނުލައްވަތެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ."
އާދުބާގައިގެ މީހުން ފެނުގެ ދަތިކަން ކުރިމަތިވެފައިވިއެވެ.
ﷲ ސުބްހާނަހޫ ވަޠަޢާލާ އެބައިމީހުންގެ ބޯ މައްޗަށް ވިލާގަނޑެއް ފޮނުއްވި ހިނދެވެ. އެބައިމީހުންގެ ތެރެއިން ބަޔަކު މީހުން ބުނަމުން ދިޔައީ އެއީ އެބައިމީހުންނަށް ވާރޭ ގެންނަ ވިލާގަނޑެއްކަމަށެވެ.
ނަމަވެސް އެވިލާގަނޑުން ބާރު ވަޔާއި ތޫފާނު އެގައުމުގެ މީހުންގެ މައްޗަށް ފޮނުވުނެވެ.
ކީރިތި ޤުރުޢާނުގެ އަލް އަޙްޤާާފް ސޫރަތުގެ 24 އަދި 25 ވަނަ އާޔަތުގައިވެއެވެ.
"ފަހެ، އެއުރެންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (عذاب) ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި عذاب އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ."
"އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ."
އެ ތޫފާނުގެ ގަދަފަދަ ވައިގައި އާދުބާގައިގެ މީހުން މުޅިން ހަލާކުވެދިޔައީއެވެ.
ހޫދުގެފާނާއި އެކަލޭގެފާނަށް ތަބާވި މީހުން އެ ކޯފާއިން ސަލާމަތްކުރެވުނެވެ. އެބައިމީހުން ވީ ބަންދުކުރެވިފައިވާ ތަނެއްގައި، އެބައިމީހުންގެ ހަށިކޮޅުގައި ވައިރޯޅި ބީހިލުމުން އެބައިމީހުންގެ ނަފްސުތަކަށް އަރާމުލިބޭ ހާލުގައެވެ.