ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން މީސް މީޑިއާގައި "ރޯދަމޮމެންޓްސް"ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށައިފިއެވެ.
މިދިޔަ އަހަރު މި ކޮންޓެސްޓް ކުރިއަށް ގެންދިޔައީ ހަމަ އެކަނި އިންސްޓަގްރާމުގައެވެ. ނަމަވެސް މިއަހަރު މި ކޮންޓެސްޓް މީސް މީޑިއާގެ މަންސަތައް ކަމަށްވާ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައިވެސް ކުރިއަށް ދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މި ކޮންޓެސްޓް ގައި ފޭސްބްކް، ޓުވިޓާ ނުވަތަ އިންސްޓަގްރާމްގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެއެވެ.
ސަންސަންގް އޭ80 އަކީ މިއަހަރު އެކުންފުނިން އަލަށް ތައާރަފްކޮށް, މާކެޓަށް ނެރުނު ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ފަހަތުގައި ތިން ކެމެރާއެވެ. އެގޮތުން އެ ފޯނުގައި އެނބުރޭ ގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލްގެ މެއިން ކެމެރާއެއް ހުންނަ އިރު 8 މެގަޕިލްސަލްގެ ޑެޕްތް ކެމެރާއެއްގެ އިތުރުން 3D ޑެޕްތް ކެމެރާއެއްވެސް ހިމެނެއެވެ.
ރަަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ފެށި މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށް ކަމަށް ދިރާގުން ބުނެފައިވާއިރު، މި ކޮންޓެސްޓް ކުރިއަށްދާނީ 7 ޖޫން 2019 ގެ ނިޔަލަށެވެ.