މާބަނޑު ދުވަސްވަރަކީ ކޮންމެ އަންހެނެއްގެ ދިރިއުޅުމުގައިވެސް އަންނަ ވަރަށް ޚާއްސަ، ގިނަ ގޮތްގޮތުން ތަފާތުވެގެންދާ ދުވަސްވަރެކެވެ. މިގޮތުން ކޮންމެ އަންހެނެއްގެވެސް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ދުވަސްވަރެއްކަމަށް މާބަނޑު ދުވަސްވަރު ވެއެވެ. ހަމައެފަދައިން މި ދުވަސްވަރުގައި ކެއުމުގައި ބޭނުންކުރާ ތަކެއްޗަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ބަނޑުގައި އަށަގަނެފައިވާ ދަރިފުޅުގެ ހައްގުގައި މައިމީހާގެ މުޅި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ޤުރުބާނީތައް ވާން ޖެހެއެވެ.
ކުޑަދަރިފުޅާއި މައިމީހާގެ ސިއްހަތު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމުގެ ގޮތުން ތަފާތު ވައްތަރުގެ ކާނާތައް ކައި އުޅެއެވެ. އެގޮތުން އަންނާރަކީވެސް މާބަނޑު ދުވަސްވަރުގައި ކެއުން ވަރަށް ރަނގަޅު ކާނާއެކެވެ. ގިނަ އަދަދެއްގެ ޑޮކްޓަރުންވެސް އަންނަނީ މާބަނޑު ދުވަސްވަރުގައި އަންނާރު ކެއުމަށް އިލްތިމާސް ކުރަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
މާބަނޑު ދުވަސްވަރުގައި އަންނާރު ކާންވި ސަބަބުތައް
ވިޓަމިން ސީއިން މުއްސަނދިވެފައިވުން
އަންނާރުގައި މަތީ މިންވަރަކަށް އެކުލެވިފައިވާ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ ހިމެނެއެވެ. މާބަނޑު ދުވަސްވަރުގައި އަންހެނުންގެ ހަށިގަނޑަށް އަބަދުވެސް ވަކި މިންވަރަކަށް ވިޓަމިން ސީ އެތެރެ ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެއީ ވިޓަމިން ސީ ގެ ސަބަބުން ކާނާއިން އަޔަން (ދަގަނޑުގެ) މާއްދާ ނަގައިގަތުމުގެ ކުޅަދާނަކަން މައިމީހާއަށް ލިއްބައިދެއެވެ. އަޔަންގެ މާއްދާއަކީ ދަރިފުޅުގެ ހެދިބޮޑުވުމުގައި އިސްދައުރެއް އަދާ ކުރާ މާއްދާއެއްކަމުން އަޔަންގެ މާއްދާ ހަށިގަނޑަށް ނަގައިގަތުމުގައި އެހީވެދޭ ކާނާތައް ކެއުން މުހިންމެވެ.
ފައިބަރ ގެ "ޚަޒާނާ"އަކަށް ވުން
އަންނާރުގައި ފައިދާހުރި ގިނަ އަދަދެއްގެ މާއްދާތައް އެކުލެވިގެން ވާއިރު އޭގެ ތެރޭގައި ފައިބަރވެސް ހިމެނެއެވެ. މާބަނޑު ދުވަސްވަރުގައި ކެއުމަށް ބާރުއަޅާފައިވާ ބައެއް ކާނާތަކުގެ ތެރޭގައި ފައިބަރ އެކުލެވޭ މޭވާއާއި ތަރުކާރީ ހިމެނެއެވެ. އެއީ ބަނޑުގައި ގިނައިރު ކާނާ ހަރުލައިފައި ހުރުމާއި ހަޖަމްކުރަން ދިމާވާ ދަތިތައް ފަދަ ކަންކަމުން ދުރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރާ މާއްދާއަކަށް ފައިބަރ ވުމުގެ ސަބަބުންނެވެ. ހަޖަމްކުރުމުގެ ނިޒާމު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމުގެ ސަބަބުން މައިމީހާއަށް އެކިކަހަަލަ އުނދަގޫތައް ވުމުން ދުރުކޮށްދެއެވެ.
އެންޓިއޮކްސިޑެންޓްތައް އެކުލެވިފައިވުން
ހަށިގަނޑުގައި ހުންނަ ބޭނުންތެރި ސެލްތަކަށް ހަމަލާދީ، އެ ސެލްތައް ނައްތާލުމުގައި މަސައްކަތް ކުރާ މާއްދާއެއް ކަމަށް "ފްރީ ރެޑިކަލް"ވެއެވެ. ފްރީ ރެޑިކަލްތައް ނައްތާލުމުގައި އިސްދައުރެއް އަދާކުރާ މާއްދާއެއްކަމަށްވާ، އެންޓިއޮކްސިޑެންޓް، މަތީ މިންވަރަކަށް އެކުލެވޭ މޭވާއެއްކަމަށް އަންނާރުވެއެވެ. ކުޑަދަރިފުޅަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން އާދައިގެ އިންސާނުންނަށްވުރެ ބަލިކަށިވާނެ ކުއްޖެކެވެ. އެހެންކަމުން ފްރީ ރެޑިކަލް ތަކުގެ ނޭދެވޭ އަސަރު ކުއްޖާއަށް ފޯރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އަންނާރުފަދަ އެންޓިއޮކްސިޑެންތް އެކުލެވިގެންވާ މޭވާ ކެއުން ވަރަށް މުހިންމެވެ.
ޕޮޓޭޝިއަމް އިން މުއްސަނދިވެފައިވުން
ޕޮޓޭޝިއަމްއަކީވެސް މާބަނޑު އަންހެނުންނަށް ވަރަށް މުހިންމު މާއްދާއެކެވެ. ގާވާއިދުން އެކަށީގެންވާ މިންވަރުގެ އަންނާރު ދިޔަ ބުއިމަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕޮޓޭޝިއަމްގެ މާއްދާ ފޯރުކޮށްދިނުމަށް އެހީވެދޭނެ ކަމެކެވެ. ޕޮޓޭޝިއަމް މާއްދާއިން މުއްސަނދިވެފައިވާ ކާނާ ކެއުމަކީ މާބަނޑު ދުވަސްވަރުގައި ބަނޑުގައި ރިހޭ ރިހުންތައް ލުއިކޮށްދޭކަމެކެވެ.
ފޮލޭޓް އެކުލެވިފައިވުން
ރަހިމުގައި ދަރިފުޅު އަށަގަތުމަށްފަހު ދަރިފުޅުގެ ހެދިބޮޑުވުމުގައި އަންނަ ކުރިއެރުންތައް މައިގަނޑު ގޮތެއްގެ މަތިން ބަރޯސާވެފައިވަނީ މައިމީހާ ކެއުމަށް ބޭނުންކުރާ ކާނާއަށާއި ބުއިންތަކުގެ މައްޗަށެވެ. މިގޮތުން ބަލާއިރު ދަރިފުޅުގެ ނިއުރަލް ޓިއުބްތައް އުފެދުމުގައި އަދި ނާރުތަކުގެ ނިޒާމު ހެދުމުގައި ފޮލޭޓް މާއްދާގެ ދައުރު ވަރަށް މުހިންމެވެ. އަންނާރު ދިޔައިގެ އެއް ޖޯޑުގައި ދުވާލެއްގެ މަތިން ހަށިގަނޑަށް ކޮންމެހެންވެސް ބޭނުންވާ ފޮލޭޓްގެ 10 އިންސައްތަ އެކުލެވިގެންވެއެވެ.
އެހެނިހެން ފައިދާ
އެއް ޖޯޑުގެ އަންނާރު ދިޔައިން ހަށިގަނޑަށް 150 ކެލަރީސް ކެލަރީސް ލިއްބައިދޭކަމަށް ވެއެވެ. އަންނާރު ދިޔަ ބުއިމުން ހަށިގަނޑުގެ ހައިޑްރޭޝަން ލެވެލް ބެލެންސްކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ވަރު ޖައްސައިދެއެވެ. އަންނާރަކީ އޭގައި މަތީ މިންވަރަކަށް ވިޓަމިން ކޭގެ މާއްދާވެސް އެކުލެވިގެންވާ މޭވާއެކެވެ.