ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ހާމަކުރެއްވި ގޮތުގައި ތުއްތު އަންހެން ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވޭތޯ މިނިސްޓްރީން ދަނީ ބަލަމުންނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މިނިސްޓްރީއަށް އަދި މައްސަލައެއް ހުށަހަޅާފައިނުވާކަން އެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ގޮތުގައި އެ ކުއްޖާ މަރުވީ ހިތަދޫ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގަ އެވެ. ނަމަވެސް ކުއްޖާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެންއައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އެރޭ 11:25 ހާއިރު ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލްއިން ހާމަކުރައްވައެވެ.
ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހާއްސަ ބައެއް ބަލިތަކުގެ ޑޮކްޓަރުން ނެތުމާއި މުހިންމު އެހެން ބައެއް ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ބޮޑެވެ.