މިއަހަރުގެ މާޗްމަހުގެ 15 ވަ ދުވަހުގައި ނިއުޒީލޭންޑްގެ ކްރައިސްޗާޗްގެ މިސްކިތްތަކަށް ހަމަލާދީ 51 މީހަކު ޝަހީދުކޮށްލި މީހެއްކަމަށްވާ، ބްރެންޓަން ޓެރެންޓް މައްޗަށް ޓެރެރިޒަމްގެ ދައުވާކޮށްފައިވާކަމަށް ނިއުޒީލޭންޑްގެ ފުލުހުން ބުނެފިއެވެ.

ބްރެންޓަން ޓެރެންޓްގެ މައްޗަށް ވަނީ ނިރުބަވެރި ޢަމަލެއް ހިންގިކަމުގެ ދައުވާ އުފުލައިފައެވެ. ބީބީސީ އިން ބުނީ ނިއުޒީލޭންޑްގެ ފުލުހުން މިއަދު ނެރުން ބަޔާނެއްގައި ބުނެފައިވަނީ ބްރެންޓަން އަކީ މިހާރުވެސް 40 މީހުން މަރާލަން މަސައްކަތް ކުރުމުގެ އިތުރުން މީހުން މެރިކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލައިފައިވާ މީހެއްކަމަށެވެ. އެއީ ސައުތް ސިޓީގައި މާޗްމަހުގައި ދެ މިސްކިތަކަށް ހަމަލާދިން މައްސައިގެ ތެރެއިންނެވެ.

ބްރެންޓަން ކޯޓަށް ގެންދަން ހަމަޖެހިފައިވަނީ ޖޫންމަހުގައެވެ.

މި ހަމަލާތަކަކީ ނިއުޒީލޭންޑްގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު، ބިރުވެރި ހަމަލާއެކެވެ. މި ހަމަލާތަކާއި ގުޅިގެން ނިއުޒީލޭންޑްގައި ވަނީ ގިނަ އަދަދެއްގެ ފިޔަވަޅުތައް އަޅައި ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. މިގޮތުން މިލިޓަރީގައި ބޭނުންކުރާ ވައްތަރުގެ ސެމި-އޮޓޮމެޓިކް ހަތިޔާރު އެ ގައުމުގައި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

މިދިޔަ އޭޕްރިލްމަހުގައި ވީޑިއޯ ލިންކެއްގެ ޒަރިއްޔާއިން އޭނާ ކޯޓަށް ހާޒިރުކުރެވުނެވެ. އޭރު ޖަޖުން ދިޔައީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމުގެ ގޮތުން ޓެސްޓްތައް ކުރިއަށް ގެންދަމުންނެވެ.

28 އަހަރުގެ މި ޓެރަރިސްޓް މިސްކިތްތަކަށް ހަމަލާދެމުން ދިޔަ މަންޒަރު އޭނާ ވަނީ ލައިވްކޮށް މުޅި ދުނިޔެއަށް ޢާންމުކޮށްފައެވެ. އޭނާގެ މައްޗަށް ވަނީ ފިރިހެނުން، އަންހެނުން، އަދި ކުޑަކުދިން މެރުމުގެ ދައުވާކޮށްފައެވެ. ހަމަލާދީފައިވާ ދެ މިސްކިތަކީ އަލް ނޫރް މިސްކިތާއި ލިންވުޑް އިސްލާމިކް ސެންޓަރަށެވެ.

ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އޭޑާން އަންނަނީ އެ ގައުމުގެ ސަރުކާރުގެ އިތުރުން ޓެކް ކުންފުނިތަކުން ހައްދުފަހަނަ އަޅައިދާ މީހުން ދެނެގަތުމުގައި އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *