މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅި ރިޝްވަތުގެ މައްސަލައިގެ ތެރެއިން 16 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ރިޝްވަތުގެ 22 މައްސަލައެއްގެ ތަހުގީގު އޭސީސީން ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭސީސީން އިސްނަގައިގެން ބަލާ 10 މައްސަލައަކާއި އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެކެވެ.
އޭގެ ތެރެއިން މިހާތަނަށް 16 މައްސަލައެއްގެ ތަހުގީގު މަރުޙަލާ ނިމިފައިވާ އިރު، ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބެލެވޭ މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީ (ޕީޖީ އޮފީސް) އާ އެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުންނެވެ.
ޑިއުޓީ ޕްރޮސިކިއުޝަން މި ވަގުތު ކުރިއަށްދަނީ ތަހުގީގީ މަރުހަލާ ނިމިފައިވާ 16 މައްސަލައިގެ ތެރެއިން ހަތަރު މައްސަލައެއްގައެވެ.