ރާއްޖެއިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
ސިސިލްފަރު ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލަމުން އަންނަކަން އޭސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ މައްސަލައިގައި ސިސިލްފަރު ގުރޫޕް ތަމްސީލް ކޮށްދޭ ވަކީލް ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ހައްޖު ކޯޓާ އެވަލުއޭޓް ކުރި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭސީސީ އިން އިސްލާމިކް މިނިސްޓްރީގައި ހުރި ޑޮކިއުމެންޓްތައްވެސް ގެންގޮސްފައިވާ ކަމަށެވެ.
ހައްޖަށް މީހުން ގެންދެވޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުންފުނިތަކަށް މާކްސް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި އުސޫލު ރަނގަޅު ނޫން ކަމަށް ބުނެ އެވެ.