މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދިޔަ ލ. ބަރެސްދޫ ޕްރޮޖެކްޓްގައި ކޮރަޕްޝަން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފއެވެ.
އޭސީސީ އިން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓްތައް ގަތް އެ ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާއިން އެމްއައިޓީޑީސީގެ އިސް ފަރާތްތަކަކުން އުސޫލާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްކަމަށެވެ.
ކޮމިޝަނުން މިހާތަނަށް ބެލި ބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ދައްކާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭސީސީ އިން ވިދާޅުވެއެވެ.
އެ ގޮތުން ޑެޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކުން އޭސީސީއަށް އެކަން ލިޔުމުން އަންގާއިރު، ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާތު ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ބަރެސްދޫ މަޝްރޫއަކީ ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ރަށް ތަރައްގީ ކުރުމަށް އެމްއައިޓީޑީސީން ފަށާފައިވާ މަޝްރޫއެކެވެ. ބަރެސްދޫ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފުރަތަމަ އިއުލާން ކުރީ އެމްއެމްޕީއާރްސީ އިންނެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ބަރެސްދޫ މަޝްރޫޢު މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުފައްދާ އެކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.