ބިސޭދީންނަކީ މިގައުމު މިއަދު މި ދެކެމުން އަންނަ ތަރައްޤީގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތަކެކެވެ. ޤައުމުގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވަނީ ނަމަވެސް ފެންނަނީ އެމީހުންގެ ހިދުމަތެވެ. ކަންމަތީ ފިހާރައިން ފެށިގެން ގާޑިޔާތަކަށެވެ. އެންމެ ކުޑަމިނުން ތިމާ އަޅާ ކުނިކޮޅުވެސް ހިނިތުންވުމާއި އެކު ނެގުމުގައި ބިދޭސީންގެ ދައުރު ބޮޑެވެ.

ރާއްޖޭގައި ބައިލައްކައަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިންވެސް ގިނައީ ބަންގްލަދޭޝްއިން ރާއްޖެ އައިސް އުޅޭ މީހުންނެވެ.

އަޅުގަނޑުމެން ގުނަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ރަމަޟާން މަހުގައި އެންމެ ހާއްސަ އެއްކަމަކީ ރޯދަވީއްލުމެވެ. މީރު ކާތަކެތިން ރޯދަވީއްލުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ މުސްލިމު ބިދޭސީންނަށް ރޯދަވީއްލުމުގެ މަންޒިލަކަށްވެފައި އޮންނަނީ މިސްކިތްތަކެވެ. މިސްކިތުން ލިބޭ އިފްތާރުން ކާއެތިކޮޅެއް އަރުން އެތެރެ ކުރުމަށް އެ ބިދޭސީން ކޮންމެ ދުވަހު ބައިބަޔަށް މިސްކިތައް ޖަމާވެއެވެ. މި ސަބަބަށްޓަކައި ބިދޭސީންނަކީ ލިބޭ މިންވަރަކަށް ޝުކުރު ކުރުމުގައި ނަމޫނާއެކޭ ބުނެވިދާނެއެވެ.

ބިދޭސީން އަޅުގަނޑުމެންނަށް ދެމުން އެގެންދާ ހިދުމަތް ހަޤީޤަތުގައި ގިނަ ދިވެހިންނަށް ބަލައި ނުގަނެވެއެވެ. ބިދޭސީއެއް ފެނުނަސް އެއީ ދެން ވަރަށް "ކަޓު" މީހެއް ކަމުހައި ގިނަ ބަޔަކު ދެކެއެވެ. އެމީހުންނަށް ކަންތައްތައް ކޮށްދިނުމުގައި ބޮޑެތި ފަރަޤުތަކެއް ގެންގުޅެއެވެ. ބިދޭސީންގެ ހައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވެއެވެ. އެމީހުންނަށް ހިނިތުންވުމާއި އެކު ސަލާމްކޮށްލަންވެސް ގިނަ ދިވެހިން ފަސްޖެެހެއެވެ.

ހަޤީޤަތަށް ބުނާ ނަމަ ބިދޭސީން އެކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހެއެވެ. އެމީހުންނަށް ޝުކުރިވެރިވާން ޖެހެއެވެ. ބިދޭސީންނަށް ޝުކުރުއަދާކޮށް އެމީހުންގެ އަގު ވަޒަން ކުރުމަށް މިފަހަރު ނުކުތީ އާންމު ފަރުދެއް ނޫނެވެ. މާލޭ ސިޓީ ކައުންސިލާއި، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ އޫރިދޫއިންނެވެ.

އޫރިދޫއާއި ސިޓީ ކައުންސިލް ގުޅިގެން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބިދޭސީންނަށް ހާއްސަ ކޮށްގެން ރޯދަވީއްލުމެއް ދީފައެވެ. ސިޓީ ކައުންސިލްގައި ދިން އެ ރޯދަވީއްލުމުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވެފައިވާއިރު، އެ އެންމެންގެ މޫނު މަތިންވެސް ފެނުނީ އުޖާލާކަމާއި ހިނިތުންވުމެވެ. ރޯދަވީއްލުމުގައި ބައިވެރިވި ބިދޭސީންނަށް އުރީދޫގެ ފަރާތުން ވަނީ މުންޑުވެސް ހަދިޔާކޮށްފައެވެ. 

އުރީދޫ އާއި ސިޓީ ކައުންސިލުން ގުޅިގެން މިކުރި މަސައްކަތަކީ ނަމޫނާއެކެވެ. އެއީ ބިދޭސީންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއްވެސް މެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *