ކުޑަކުދިންގެ ކާނާގެ ބާވަތެއް ކަމަށްވާ ލެކްޓޯޖަންގެ ޝިޕްމަންޓެއް ނައްތާލަން ނިންމާފައި ނުވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މިހެން ބުނެފައިމިވަނީ ލެކްޓޯޖަން ޝިޕްމަންޓެއް ނައްތާލަން ނިންމާފައިވާ ކަމަށާއި މި އެތެރެކުރުމުގެ ހުއްދަ އޮތް ކުންފުނި ނޫން އެހެން ކުންފުންޏަކުން ވެސް އެތެރެކުރާ ކަމަށް އަޑު ފެތުރުމާ ގުޅިގެންނެވެ.
އެގޮތުން އެބޭފުޅުން ހާމަކުރެއްވި ގޮތުގައި މި އުފެއްދުން 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރަމުން އަންނަނީ އެންމެ ކުންފުންޏަކުން ކަމަށެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ލެކްޓޯޖަންގެ ޝިޕްމަންޓެއް އެއްވެސް ސަބަބަކާ ހުރެ ހިފަހައްޓާފައި ނުވާނެ ކަމަށާއި، އެފަދަ އެއްވެސް ޝިޕްމަންޓެއް ނައްތާލުމަށް ނިންމާފައިވެސް ނުވާނެ ކަމަށެވެ.
ރާއްޖެއަށް ލެކްޓޯޖެން އެތެރެކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏަކީ އެމްއެޗްއޭ އެވެ. މީގެ ދުވަސްކޮޅެއް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް ދިވެހިރާއްޖެ އަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ ހިލާފު ކަންތައް ތަކެއް ހުރި ކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.
އެހެންވެ ލެކްޓޯޖެން ރާއްޖެ އެތެރެނުކުރެވޭތާ ގިނަ ދުވަސްތަކެއް ހޭދަވެ ލެކްޓޯޖެން ސްޓޭޖް 2 އަދި 3 ހުސްވި އެވެ. މީގެ އިތުރުން އެ ދުވަސްވަރު އެހެން ބަޔަކު އަގު ބޮޑުކޮށް ލެކްޓޯޖެން ވިއްކި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ކަސްޓަމްސް އިން ބުނީ 2016 ގެ ފަހުން ރާއްޖެ އަށް ލެކްޓޯޖެން އެތެރެކުރަނީ ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މުދާ އިމްޕޯޓްކުރާ އެންމެ ކުންފުންޏަކުން ކަމަށެވެ. ވަކި ކުންފުންޏެއްގެ ނަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ. އަދި މި އުފެއްދުމުގައި ހަރުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑާ އެއްގޮތް ލޭބަލެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.