މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ކުރިން މީގެ ކުރިންވެސް ދެ ފަހަރަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނާއި ސިފައިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، އީރާނުގެ ބޯޓު ދެ ފަހަރެއްގެ މަތިން ހިފެހެއްޓީ ރާއްޖެ އިން ބޭރުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ބޯޓުން 49 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް ފޮރުވައިފަ އެވެ. އަތުލައިގަތް ބޯޓުގެ ހަތް ފަޅުވެރިން ތިބީ ހައްޔަރުކޮށްފަ އެވެ.
އެގޮތުން އީރާންގެ ހަ މީހަކާއި ޕާކިސްތާނުގެ މީހަކު އެބޭފުޅުންގެ ހައްޔަރުގައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެެ. އަދި އެ ބޯޓު ބަލައި ފާސްކުރި އިރު، އިތުރު މަސްތުވާތަކެތި ރައްކާ ކުރާނެ ޖާގަތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ބޯޓުން ފެނުނު މަސްތުވާތަކެއްޗަށް ވުރެ އިތުރު މަސްތުވާތަކެތި އެ ބޯޓުގައި އުފުލި ކަމަށް ބެލެވޭ ކަމަށްވެސް ޝާކިރު ވިދާޅުވި އެވެ.