ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އާދިއްތަ ދުވަހުގެ ރޭ 00:30 ހާއިރު ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު މީހެއްގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 18 ވަނަ ދުވަހުގެ 21:17 ހާއިރު ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ރިސޯޓުން އެމީހާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރެހެނެކެވެ.
އެ ދެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.